މެދުމިންވަރަކަށް ކޮފީ ބުއިމަކީ އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ކިޑްނީގެ ސިއްހަތަށް ފައިދާކުރާނެ ކަމެކެވެ. މީގެ ސަބަބުން ކްރޮނިކް ކިޑްނީ ޑިޒީޒް އަދި ކިޑްނީގައި ހިލައުފެދުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. ކޮފީއަކީ ހަމައެކަނި ހެނދުނު ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ބުއިމަކަށްވުރެ، އޭގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން ކިޑްނީއަށް ގިނަގުނަ ފައިދާތަކެއް ކޮށްދޭ އެއްޗެއްކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.
ކޮފީގައި ގުދުރަތީ 1،000 އަށްވުރެ ގިނަ މާއްދާ އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ކްލޮރޮޖެނިކް އެސިޑް، ޕޮލިފެނޯލްސް އަދި މެލަނޮއިޑިންސް ހިމެނެއެވެ. ވެރީވެލް ހެލްތުން ހާމަކުރާ ގޮތުގައި، ކޮފީގައި ހިމެނޭ މިފަދަ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާތަކާއި ކެފެއިންގެ ސަބަބުން، ސެލްތަކަށް ގެއްލުންދޭ އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، ދާއިމީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ކެފެއިން ނުހިމެނޭ (ޑީކެފް) ކޮފީ ބުއިމުންވެސް، އޭގައި ކެފެއިން މަދުވިނަމަވެސް ގަސްގަހާގެހީގެ މާއްދާތަކުން މި ފައިދާތައް ލިބެއެވެ.
ގަވާއިދުން ކޮފީ ބޯ މީހުންނަށް ކްރޮނިކް ކިޑްނީ ޑިޒީޒް (ސީކޭޑީ) ޖެހުމުގެ ނުރައްކާ ކުޑަކަން ބައެއް ދިރާސާތަކުން ދައްކައެވެ. 2018 ވަނަ އަހަރު ކޮރެއާގެ ޖީނޯމް އެންޑް އެޕިޑެމިއޮލޮޖީ ސްޓަޑީއިން ކިޑްނީގެ މައްސަލައެއް ނެތް 8،700 މީހުން ބައިވެރިކޮށްގެން 11.3 އަހަރު ވަންދެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކޮންމެ ދުވަހަކު އެއް ތަށި ކޮފީއެއް ބޯ މީހުންނަށް ސީކޭޑީ ޖެހުމުގެ ނުރައްކާ 24 އިންސައްތަ ދަށެވެ. އަދި ދުވާލަކު ދެތަށި ނުވަތަ އެއަށްވުރެ ގިނައިން ބޯ މީހުންނަށް މި ނުރައްކާ 20 އިންސައްތަ ދަށެވެ. މީގެ އިތުރުން އެމީހުންގެ ކިޑްނީ ފިލްޓަރ ކުރާ މިންވަރު (ޖީއެފްއާރު) ދަށްވާ ނިސްބަތްވެސް ލަސްކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ކޮފީގެ ފައިދާ ލިބެނީ ހަމައެކަނި ސިއްހަތު ސަލާމަތުން ހުންނަ މީހުންނަކަށް ނޫނެވެ. އީޓިންގްވެލް އިން ހާމަކުރާ ގޮތުގައި، ކިޑްނީގެ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށްވެސް ކޮފީގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރެއެވެ. އެގޮތުން ބަލި އެންމެ ނުރައްކާތެރި ހާލަތަށް (އެންޑް-ސްޓޭޖް) ދިއުމާއި، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުމާއި، އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ނަމަވެސް، ކޮފީއަކީ ބޭހުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ކިޑްނީ ބަލީގެ މީހުން އަދިވެސް ލޭގެ ޕްރެޝަރާއި، ހަކުރު ކޮންޓްރޯލްކޮށް، ރަނގަޅު ކާނާ ކައި، ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭސް ބޭނުންކުރަން ޖެހޭނެއެވެ.
ގަވާއިދުން ކޮފީ ބުއިމަކީ ކިޑްނީގައި ހިލައުފެދުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ. ކޮފީގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު އިތުރުކޮށްދީ، ހިލައަށް ބަދަލުވާ މިނަރަލްތައް ފަސޭހައިން ހަށިގަނޑުން ބޭރުކޮށްދެއެވެ. މިއީ ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުން ލިބޭ ޑަޔުރެޓިކް (ކުޑަކަމުދާން ޖެހޭ މިންވަރު އިތުރުކޮށްދޭ) އަސަރެކެވެ. އެހެންނަމަވެސް، ކިޑްނީގައި ހިލައުފެދުން ހުއްޓުވުމަށް އެންމެ މުހިންމީ ގިނައިން ފެން ބުއިމެވެ. އާދައިގެ ފެނުގެ ބަދަލުގައި ކޮފީ ބޭނުމެއް ނުކުރެވޭނެއެވެ.
ކޮފީގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބެނީ އެ ބޯ މިންވަރާއި، ތައްޔާރުކުރާ ގޮތާއި އަދި މީހާގެ ސިއްހަތު ހުންނަ ގޮތެއްގެ މައްޗަށެވެ. ތަޖުރިބާކާރުންނާ ހަވާލާދީ އީޓިންގްވެލް އިން ބުނާ ގޮތުގައި، ގިނަ މީހުންނަށް (ކިޑްނީ ބަލި ހުންނަ ބައެއް މީހުން ހިމެނޭހެން) ދުވާލަކު 240 މިލިލީޓަރުގެ 2 ނުވަތަ 3 ތަށި ކޮފީ ބުއިން އެންމެ ރަނގަޅެވެ. ނަމަވެސް މިއީ މީހާއަށް ބިނާކޮށް ތަފާތުވެދާނެ މިންވަރެކެވެ. އެއްފަހަރާ ގިނައިން ކެފެއިން ބޭނުންކުރުމުން ވަގުތީގޮތުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ މީހުން ދުވާލަކު 1 ނުވަތަ 2 ތަށްޓަށް ކޮފީ ބޯ މިންވަރު މަދުކޮށް، ޕްރެޝަރު މޮނިޓަރ ކުރަންޖެހޭނެއެވެ.
ކޮފީ ބޯއިރު އިތުރަށް ހަކުރު، ކްރީމް އަދި ސިރަޕް އެޅުން މަދުކުރުމަށްވެސް އިރުޝާދުދެއެވެ. ގާތްގަނޑަކަށް 240 މިލިލީޓަރުގެ ކޮފީ ތަށްޓެއްގައި 100 މިލިގްރާމްގެ ޕޮޓޭސިއަމް ހުރެއެވެ. އެހެންކަމުން ޕޮޓޭސިއަމް ކޮންޓްރޯލްކުރަންޖެހޭ މީހުން ނުވަތަ ލޭގައި ޕޮޓޭސިއަމް ގިނަ މީހުން ކޮފީ ބޯ މިންވަރަށް ސަމާލުވާންޖެހޭނެއެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، ކޮފީއަކީ ގިނަ މީހުންނަށް ފައިދާހުރި ބުއިމެއް ނަމަވެސް، މިއީ ކިޑްނީގެ ބަލިތަކަށް ފަރުވާކުރާ ނުވަތަ ރައްކާތެރިކަން ހޯދަން ބޯ ބޭހެއްކަމުގައި ނުދެކުމަށް އިލްތިމާސްކުރެއެވެ. ކިޑްނީގެ ބަލިތައް، ލޭމައްޗަށް ދިއުން، ނުވަތަ ޕޮޓޭސިއަމް ކޮންޓްރޯލްކުރަންޖެހޭ މީހުން، އެމީހަކަށް އެންމެ އެކަށީގެންވާ މިންވަރު ޑޮކްޓަރުގެ ލަފާގެމަތިން ކަށަވަރުކުރުން މުހިންމެވެ.









