ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދު 80،000 އަށް އަރައިފިއެވެ.
ޕީއެންސީއަށް މި އަދަދަށް މެންބަރުން ހަމަވެފައި މިވަނީ އެ ޕާޓީގެ މުހިންމު ކޮންގްރެސް ވެސް ފެށިގެން ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އެރުވުމަކީ އެ ޕާޓީގެ މައިގަނޑު އަމާޒު ކަމަށެވެ.
އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ޕީއެންސީން މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3،000 އެއްހައި މެންބަރުންނެވެ. ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު މިހާ ބޮޑުތަނުން އިތުރުވެގެން ދިއުމަކީ، މި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކާ މެދު ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އޮތް މިންވަރު ސާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ.
އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ގުޅެމުންދަނީ އެ ޕާޓީތަކުގެ ލީޑަރުންގެ ފަލްސަފާއާއި ވިސްނުމަށް ބަލައި، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމަށް އެ ލީޑަރޝިޕުން ގެންގުޅޭ ހަރުދަނާ ތަސައްވުރާއި ސިޔާސަތުތަކަށް އިތުބާރުކޮށްގެންނެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނައިރު، އެ ޕާޓީ ވެގެން ގޮސްފައިވަނީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި އެއް ސިޔާސީ ޕާޓީއަށެވެ.














