އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މި މަޝްރޫއު ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މި ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މަސައްކަތުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށްފަހު، އޮކްޓޯބަރު މަހުގެ ތެރޭގައި ސައިޓުގައި އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރަށްރަށުގައި ހިންގާ އުމްރާނީ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މިފަދަ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އަދި މަޝްރޫއުތަކަށް ރައްޔިތުން އެދޭ ބަދަލުތައް، ގެނެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ގެނައުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދެއްވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ ސަރަހައްދުގައި ތާރު އެޅުމާއި، ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ޒަމާނީ ފެންވަރަށް ދުވާރު ހެދުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ބޭނުންވާ ޓްރެފިކް ނިޝާންތަކާއި ބޯޑުތައް ހަރުކުރުން ވެސް ހިމެނެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ 16 ކިލޯމީޓަރުގެ މި ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރު ހުޅުވައި ބޭނުންކުރަން ފެށި މަގެކެވެ.













