ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ކޮންގްރެސް ނުވަތަ ”މަތީ މަޖިލިސް 2026“ ޖުމްލަ 1064 މަންދޫބުންނާއެކު ރަސްމީކޮށް ފަށައިފިއެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ކުރިއަށްގެންދާ މި ކޮންގްރެސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސެޕްޓެމްބަރު 15 ވީ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ރޭގައި ވަނީ ކޮންގްރެސްގެ މަތީ މަޖިލީހުގެ މަސައްކަތްތައް ވެސް ރައީސް މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ މި މަތީ މަޖިލިސް ފެށުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތު އަރުވާފައިވެއެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ، ޢަދާލަތު ޕާޓީ އަދި އެމްއެންޕީން މި ޖަލްސާގައި ބައިވެރިވި ނަމަވެސް، ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފުން މި ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މެންބަރުން ހިމެނޭހެން ޕީއެންސީގެ އިސް ލީޑަރޝިޕާއި ބޭރު ޤައުމުތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޕީއެންސީއަކީ އަބަދުވެސް ވަރަށް ޒިންމާދާރު ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި، އެ ޕާޓީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ޤައުމީ މަޞްލަޙަތަށް ކަމަށެވެ. އަދި ޕީއެންސީ އެކޭ އެއްގޮތަށް އެހެން ސިޔާސީ ޕާޓީތަކުން ވެސް ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ޒިންމާދާރުކަން އިސްކުރުމުގެ މުހިންމުކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ކޮންގްރެސްގެ މުހިންމު ސިލްސިލާ ހަރަކާތްތަކެއް މިއަދަށް ތާވަލުކުރެވިފައިވާއިރު، މިއަދު ހެނދުނު 8:45 ގައި ވަނީ ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ހެނދުނު 10:00 ގައި މަތީ މަޖިލީހަށް އަލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ ޚާއްޞަ ވޯޓުލުން ކުރިއަށްދާނެއެވެ.
މީގެއިތުރުން، މި އިންތިޚާބުތަކަށްފަހު އަލަށް އިންތިޚާބުވާ މަތީ މަޖިލީހުގެ މެންބަރުން މަޤާމުގެ އިޤުރާރުވުން މިރޭ 8:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީގެ މަތީ މަޖިލީހަކީ ޕާޓީގެ ކުރިމަގުގެ ސިޔާސަތުތައް އެކަށައެޅުމަށާއި، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެކެވެ.













