މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙުމަދު ޝަމްހީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ޑރ. ޝަމްހީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ގިނަ ގޮތްގޮތުން ފެއިލްވެފައި ކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ސިޔާސީ ދާއިރާއިން އާ މޫނުތަކަށް ޖާގަ ދީ، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ވެރިކަން ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އާ ވިސްނުންތަކާ އެކު ގައުމުގެ ކަންކަން އިސްލާހުކުރުމަށް ނުކުންނަވާއިރު، ޕާޓީގެ ގިނަ މެންބަރުންގެ ތާއީދު އޭނާއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ އިސް އެ ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. މި ދަނޑިވަޅުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ހޫނުވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުސީދާ ގޮތްގޮތުން ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދުކުރައްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަމާޒުކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މިފަހުން ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ފަސް ބޭފުޅުންނަކީ:
- ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަޙުމަދު ޝަމްހީދު
- ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު
- ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
- ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
- ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު
މި ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވެސް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި އެފަދަ ވާހަކަތަކެއް މިހާރު ދެކެވެމުން ދިޔަ ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިފަހަރުގެ ރިޔާސީ ޕްރައިމެރީގައި ތާއީދުކުރައްވާނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށެވެ.













