ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސް މިކަން ފާހަގަކުރެއްވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ، ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ ހިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށެވެ. މީގެއިތުރުން، ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ގާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ އަގުހުރި ހިދުމަތްތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ހަމައެއާއެކު، ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ބަޔާންކުރައްވަމުން، އެކަން ފެށިގެން އަންނަނީ ޑިމޮކްރަސީގެ އަސްލު މާނަ ކަމުގައިވާ ހައްގުތައް ހިމާޔަތްކުރުމާ ހަމައިން ކަމަށް ރައީސް ވިދާޅުވިއެވެ.
ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ކަރާމާތާއި، އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމަށެވެ. އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، ގައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު އަލުން ކަށަވަރުކޮށްދެއްވިއެވެ. ހާއްސަކޮށް، ޒުވާނުންނާއި އަންހެނުން އިސްނަގައިގެން ގައުމަށް ހިދުމަތްކޮށް، މުސްތަގުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ހިތާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑިމޮކްރަސީގެ އަމަލީ ސިފަ ފެނިގެންދާނީ ގައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ހައްގުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުންނާ، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވިފައިވާ، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ، އަދި ބާރުތައް ލިބިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެހައި ރައްޔިތުން އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.












