މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަންނަވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ. އަދި، އެއަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައިވެއެވެ.
މި ދަތުރުފުޅުގައި، ދެ ގައުމުގެ ވެރިން ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމްދީނާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކުގައި ދެ ގައުމުން ގެންގުޅޭ އެއްގޮތް ވިސްނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރޭގައި، ދިފާއީ އަދި އިސްލާމް ދީނާ ގުޅުންހުރި ކަންކަމާ ގުޅޭ ފަހުމުނާމާ ތަކެއްގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ ގުޅޭގޮތުން މަޝްވަރާތައް ފައްޓަވާނެ ކަމުގައި އިއުލާނުކުރެއްވިއެވެ. މީގެއިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮންސިއުލަރ އަދި ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަނީ ފުރަމާނަ ޖާފަތެއް ދެއްވައިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ހަރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފައެވެ.












