ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށްޓަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުން މިހާތަނަށް އަތޮޅުތަކުގައި 6,363 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. މީގެއިތުރުން، މާލެ ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހިންގާ ”ރެންޓް-ޓު-އޯން“ މޮޑެލްގެ 3,970 ހައުސިންގ ޔުނިޓާއި، 1,000 އެފޯޑަބަލް ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ވެސް މިހާރު ވަނީ ރަސްމީކޮށް ސޮއިކުރެވިފައެވެ.
މީގެ އިތުރުން ކުރިއަށް ރޭވިފައިވާ (ޕައިޕްލައިންގައި ހުރި) މުހިންމު މަޝްރޫއުތަކުގެ ތެރޭގައި:
- މާލެ ސަރަހައްދުގައި އިތުރު 500 އެފޯޑަބަލް ހައުސިންގ ޔުނިޓް
- ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ތަރައްގީކުރާ 700 ހައުސިންގ ޔުނިޓްއިންޑިއާގެ
- އެގްޒިމް ލައިން އޮފް ކްރެޑިޓުގެ ދަށުން ގާއިމުކުރާ 4,000 ހައުސިންގ ޔުނިޓް
- ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނުގެ އެހީގައި މާލޭގައި ތަރައްގީކުރާ 500 ހައުސިންގ ޔުނިޓް
- ސަޢޫދީ ފަންޑު މެދުވެރިކޮށް ހުޅުމާލޭގައި ތަރައްގީކުރާ 400 ހައުސިންގ ޔުނިޓް
- މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިތުރު 5,000 ހައުސިންގ ޔުނިޓް ހިމެނެއެވެ.
ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ސްކީމްތަކެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން ނުނިމި ހުރި ގެދޮރުގެ މަސައްކަތް ނިންމުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ހަމަޖައްސައިދިނުމަށް 200,000 ރުފިޔާގެ އެހީ ދިނުމުގެ ސްކީމަކާއި، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ލޯނު ނެގުމަށް ބޭނުންވާ އިކުއިޓީ ހަމަޖެއްސުމަށް 250,000 ރުފިޔާގެ އެހީ ފޯރުކޮށްދޭ ސްކީމެއް ހިމެނެއެވެ.
ހަމައެއާއެކު، މި ސަރުކާރުން މިހާތަނަށް ހުޅުމާލެ އަދި ގުޅީފަޅުން ގޯތި ލިބުނު 3,689 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކައިގެން އިތުރު ގޯތި ދިނުމަށް ނިންމާފައިވާއިރު، އެ ތަނުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.













