ސަޢޫދީ ޢަރަބިއްޔާގެ ޚަމީސް މުޝައިތު، އަބްހާ އަދި ޠާއިފް އަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި 13 ޢާންމުންނަށް އަނިޔާވެއްޖެކަމަށް ސަޢޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ހާމަކޮށްފިއެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ބުނިގޮތުގައި، ހޯމަ ދުވަހު ދިން މި ހަމަލާތަކުގައި 7 ގެއަކަށާއި 2 ކާރަށް ވަނީ ގެއްލުންވެފައެވެ. އަދި މިއީ ޢާންމުންނަށް އަމާޒުކޮށްގެން ގަސްތުގައި ދެމުންގެންދާ ޙަމަލާތަކެއް ކަމަށާއި، ސަޢޫދީގެ ސިޔާދަތު ދިފާޢުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ.
ހޫޘީން ބޭނުންކޮށްފައިވަނީ ބެލިސްޓިކް މިސައިލާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެވެ. މި ޙަމަލާތައް އަމާޒުވެފައިވަނީ ސަޢޫދީގެ ދެކުނާއި ހުޅަނގުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. ކޯލިޝަނުން ކަށަވަރުކޮށްދޭ ގޮތުގައި 13 ޢާންމުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން 7 ގެއަކަށާއި 2 އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ކޯލިޝަނުން ޢާންމުންނަށް ލިބުނު ގެއްލުމުގެ ވާހަކަ ދެއްކި ނަމަވެސް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ބުނެފައިވަނީ، އެމީހުންގެ ޙަމަލާތައް އަމާޒުކުރީ ޚަމީސް މުޝައިތުގައި އޮންނަ ސައުދީގެ ކިންގް ޚާލިދު އެއަރ ބޭސް ފަދަ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.
މި ޙަމަލާތަކަކީ ކުއްލިއަކަށް ދިން ޙަމަލާތަކެއް ނޫނެވެ. ހޫޘީން ބުނާގޮތުގައި މިއީ، އޭގެ ކުރީގެ 24 ގަޑިއިރުގެ ތެރޭގައި ސަޢޫދީގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޔަމަނުގެ 5 ޕްރޮވިންސަކަށް ދިން 54 ވައިގެ ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެކެވެ. މިއާއެކު ދެ ފަރާތުގެ ދެމެދުގައި އަނެއްކާވެސް ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ވަނީ ފެށިފައެވެ.














