އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީ) ގައި ވާހަކަދައްކަމުން ސަޢޫދީގެ އެނަރޖީ މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން ވަނީ މި ބޮޑު ހޯދުން ކަށަވަރުކޮށްދީފައެވެ. މި ހޯދުމަކީ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ސަޢުދީއިން ފަށާފައިވާ ބޮޑު މަޝްރޫޢަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ބޭރު ޤައުމުތަކުން ޔުރޭނިއަމް އެތެރެބޭނުންވާކުރުމުގެ ބަދަލުގައި، ސަޢޫދީ އަމިއްލަ ފަސްގަނޑުން ނިއުކްލިއަރ ހަކަތައަށް ރޯމެޓީރިއަލް ހޯދައި، ޤައުމުގެ އެތެރޭގެ ކަރަންޓު ވިއުގަ ތެލުގެ ބަދަލުގައި ނިއުކްލިއަރ ހަކަތައަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
110 މިލިއަން ޓަނުގެ ޔުރޭނިއަމް ފެނުމާއެކު، ސަޢޫދީގެ ހަކަތައިގެ މުސްތަޤުބަލަށް ބޮޑު ބާރުވެރިކަމެއް ލިބިގެންދާނެއެވެ. އަމިއްލަ ޤައުމުގައި މި ވަޞީލަތްތައް ހުރުމުން، ބައިނަލްއަޤްވާމީ ސަޕްލައި ޗެއިންއަށް އަންނަ ލޮޅުންތަކުން ނުވަތަ އެހެން ޤައުމުތަކުން އަޅާ ފިޔަވަޅުތަކުން ސަޢޫދީގެ ނިއުކްލިއަރ ޕްރޮގްރާމް ރައްކާތެރިކުރެވޭނެއެވެ.
މިއީ ސަޢޫދީގެ ’ވިޝަން 2030‘ ގެ އަމާޒުތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. އެތެރޭގައި ބޭނުންކުރާ ކަރަންޓު އުފެއްދުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރަން ފެށުމުން، ބޭރު ޤައުމުތަކަށް ވިއްކުމަށް ގިނަ ޢަދަދެއްގެ ތެޔޮ ރައްކާކުރެވި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ.
ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން ވިދާޅުވި ގޮތުގައި، ސަޢޫދީގެ އަމާޒަކީ ހަމައެކަނި ޔުރޭނިއަމް ނެގުމެއް ނޫނެވެ. އޭގެ ބަދަލުގައި މަދީނާއިން ނަގާ މައުދަން ޕްރޮސެސްކޮށް، ޔުރޭނިއަމް އެންރިޗްކޮށް، އަދި ރިއެކްޓަރުތަކަށް ބޭނުންވާ ފިއުލް އުފެއްދުމާ ހަމައަށް، ފުރިހަމަ އަމިއްލަ ނިއުކްލިއަރ ނިޒާމެއް ޤާއިމުކުރުމަށް ސަޢޫދީޢިުމން އަންނަނީ މަސައްކަތްކުރަމުންނެވެ.
އައިއީއޭގެ ބައިނަލްއަޤްވާމީ މައި މަރުކަޒު ކަމަށްވާ އައިއީއޭ ގައި މިކަން އިޢުލާނުކުރުމުން ދޭހަވަނީ، ސައުދީން މި މަސައްކަތް ކުރިއަށްގެންދާނީ ފާޅުކަންބޮޑު ގޮތެއްގައި ބައިނަލްއަޤްވާމީ ޤަވާޢިދުތަކާ އެއްގޮތަށް ކަމެވެ.
ސަޢޫދީއިން ގިނަ ޢަދަދެއްގެ ޔުރޭނިއަމް ހޯދުމަކީ މެދުއިރުމަތީގެ ބާރުތަކުގެ ތިލަފަތަށް އަންނާނެ ބޮޑު ބަދަލެކެވެ. އީރާނުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ފުޅާކުރަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީއިން އަމިއްލަ ނިއުކްލިއަރ ވަޞީލަތްތައް ޤާއިމުކުރުމަކީ، ސަރަޙައްދީ ވާދަވެރިކަމުގައި ސަޢޫދީ ފަހަތަށް ނުޖެހޭނެކަން ކަށަވަރުކޮށްދޭ ކަމެކެވެ.














