ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަސްވަރު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރަށްވުރެ މިހާރު އެ ރޭޓު ދަށަށް ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ކަޅުބާޒާރުގައި އަމިއްލަ ފަރާތްތަކުން ގަސްދުގައި އަގު އުފުލައި، ނުފޫޒު ފޯރުވައިގެން ޑޮލަރު ވިއްކުމުގެ މައްސަލަ މީގެ ކުރިން ވަރަށް ބޮޑުވި ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި، އެގޮތުން ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ދަށަށްދާން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެކްސްޗޭންޖް ރޭޓް ހުރި މިންވަރަށްވުރެ މާބޮޑަށް މިހާރު ތިރިވެފައިވާ ކަމަށެވެ. އަދި މިއީ އިގުތިސާދީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެކްސްޗޭންޖް ރޭޓް މިހާރު ދަށަށްދާކަން ވަނީ ފާހަގަކުރެވިފައި. އިރާދަކުރެއްވިއްޔާ މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު، މި ސަރުކާރު ހަވާލުވި ދުވަސްވަރަށްވުރެ ވެސް ރޭޓް ވަނީ ދަށަށް ގޮސްފައި. މާނައަކީ 17 ނޮވެމްބަރު 2023 ގައި ހުރި މިންވަރަށްވުރެ ވެސް ކުޑަކޮށް ދަށްވެފައިވާ ކަމަށް މައުލޫމާތު ލިބެނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ތިރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޭރު ފައިސާއިން މުއާމަލާތްކުރާ ވިޔަފާރިވެރިންނާއި އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ދިވެހިރާއްޖެއަށް އެތެރެވާ ބޭރު ފައިސާ، ގައުމީ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ގޮތުން، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ އިސްލާހަށް މި ހިނގާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ޑޮލަރުގެ އަގުތައް އިޝްތިހާރު ކުރުން ހުއްޓުވުމަށާއި، ގާނޫނާ ހިލާފަށް ފައިސާ މާރުކުރާ ފަރާތްތައް ހޯދައި ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.













