ޒުވާން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ އުއްމީދީ ދަންމަރުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މާތްވެގެންވާ އިސްލާމްދީނާއި، ދީނީ އިލްމު ކުރިއެރުވުމުގައި ޒުވާނުން އަދާކުރަމުންދާ އަދި އަދާކުރަންޖެހޭ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އިސްލާމްވިތާ 9 ގަރުނު ފުރިހަމަވާ މުނާސަބަތު ފާހަގަކުރަމުންދާއިރު، ޒުވާން ހަތީބުންގެ ގޮތުގައި 700 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވަމުންދިޔުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހެޔޮ ފާލެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ އިސްލާމީ ރޫހަށް ލިބިގެންދިޔަ އާ ދިރުމަކާއި ބާރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެއިތުރުން، އިސްލާމީ ތާރީހާއި ދިވެހި ތާރީހަށް ބަލާއިރު ވެސް، އިސްލާމްދީން މަތިވެރިކުރުމުގައި ޒުވާނުން ފާޅުކޮށްފައިވާ ޖޯޝާއި، ވެފައިވާ މަތިވެރި ގުރުބާނީތަކުގެ ފޮނި ނަތީޖާ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާކަން އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ.

އިސްލާމްދީން ފެތުރުމުގައި ނަމޫނާ ދެއްކެވި ޒުވާން ޝަހްސިއްޔަތުތަކުގެ ޒިކުރާ އާކުރައްވަމުން ރައީސް ވިދާޅުވީ، ދީން ފެތުރުމާއި، ދީން ދިފާއުކުރުމާއި، ދީނުގެ ހުކުމްތައް ގާއިމުކުރުމުގައި ޒުވާނުން އަދާކޮށްފައިވާ މަތިވެރި ދައުރު ތާރީހުގައި ލިޔެވިފައިވަނީ ރަން އަކުރުން ކަމަށެވެ. އަދި ދިވެހި ތާރީހުގައި ވެސް ދީނީ އިލްމު ހޯއްދެވުމަށްޓަކައި ޒުވާން އުމުރުފުޅުގައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި އިލްމުވެރިން ތިއްބެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ތާރީހުން ވެސް ފެންނަނީ ދީނީ އިލްމުގެ މައިދާނުގައި ޒުވާނުން އަދާކޮށްފައިވާ ދައުރު. ވެފައިވާ ގުރުބާނީ. ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ދީން އުނގެނިވަޑައިގެންނެވުމަށްތަކައި އުމުރުފުޅުން 11 އަހަރުފުޅުގައި އަނެއްބައި ބޭފުޅުން 13 އަހަރުފުޅުގައި ރާއްޖެ ދޫކުރައްވައި ބޭރުގެ އިލްމީ ތަންތަނަށް ވަޑައިގެންފައި އެބަހުރި. ބައެއް ބޭފުޅުން ވަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުން ވެސް ކިޔެވުން މެދުކަނޑާނުލައި އެ ނުރައްކާތެރި މާހައުލުތަކުގައި ތިއްބަވައިގެން ވެސް ކިޔަވާ ވިދާޅުވެފައިވޭ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިލްމު އުނގެނުމަކީ ބުރަ އަދި ދަތި އުނދަގޫ މަސައްކަތަކަށްވާއިރު، އެ މަސައްކަތުގައި ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދީނަށް ހިދުމަތްކުރުމަކީ އަބަދު ވެސް ޒުވާނުންނަށް ލިބޭ ފަހުރަކާއި އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަމްރީނުވެގެން ނުކުންނަ ޒުވާން ހަތީބުންނަކީ ދިވެހިރާއްޖޭގެ އިސްލާމީ މުޖުތަމައު އާރާސްތުކޮށް، ދީނީ އަލިކަން ފަތުރައިދޭނެ ދަންމަރުތަކެއް ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އިސްލާމްދީން ކުރިއެރުވުމުގެ މައިދާނުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ އެކަމާ ނުހަނު އުފާފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމައުގައި ސުލްހަވެރިކަމާއި އަމާންކަން ދަމަހައްޓަން ބާރުއަޅާ ދީނަކަށްވާތީ، ޒުވާން ހަތީބުންގެ ދައުވަތުގައްޔާއި ހިދުމަތުގައި މި މަތިވެރި އަސާސްތައް އަބަދު ވެސް ހިފެހެއްޓެވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.












