ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކާއި ލޯނުތައް ޝަރީއާގެ ހަމަތަކާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެ ބޭންކުގެ އިސްތިރާތީޖީ އަމާޒުގެ ދަށުން އެކުލަވާލާފައިވާ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި، މި ސިޔާސަތުގެ ދަށުން އާންމު ފަރުދުންގެ މިހާރުގެ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް، ޝަރުއީ ހަމަތަކަށް ފެތޭ ހިދުމަތްތަކަށް ފަސޭހަކަމާއެކު ބަދަލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި، އަލަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރަމުން ގެންދާނީވެސް އިސްލާމިކް ބޭންކިންގ އުސޫލުތަކާ އެއްގޮތަށެވެ. ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ނުވަތަ އާންމު ބޭންކިންގ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންގ ބްރާންޗްތަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން، މި ބްރާންޗްތަކުން މިހާރު ވެސް ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ އަށް އިސްކަންދީގެންނެވެ. ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް، އިސްލާމިކް ފަންޑު އެހެން ފަންޑުތަކާ މުޅިން ވަކިކޮށް، ޝަރީއާގެ ހުކުމްތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގގެ ހިދުމަތް ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ހަރުދަނާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުޖުތަމައުގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒު ކަމުގައި ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އަކީ މިހާރުވެސް ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ބޭންކިންގގެ ހިދުމަތް ފޯރުކޮށްދޭ ބޭންކުކަން ފާހަގަކޮށްލަންޖެހެއެވެ. އޭގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ފައިނޭންސިންގ ހިދުމަތްތަކުގެ އިތުރުން ރާއްޖޭގައި މިވަގުތު ދޫކުރަމުންދާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުގެ ހިދުމަތް ވެސް ހިމެނެއެވެ.













