ފާއިތުވި ހަފްތާބަންދުގައި ތުރުކީގެ ސަލާމަތީ ބާރުތަކުން ވަނީ މުޅި ޤައުމުގައި އެލްޖީބީޓީކިއު+ ލާދީނީ ހަރުކަށި ޖަމާޢަތްތަކަށް އަމާޒުކޮށް ބޮޑެތި ރެއިޑްތަކެއް ހިންގައި 26 މީހުން ހައްޔަރުކޮށްފައެވެ. އަދި މިފާޙިޝް ފިކުރާއި އޭގެ މުޑުދާރު ޢަމަލުތައް ޕްރޮމޯޓުކޮޒް ފެތުރުމަށް މަސައްކަތްކުރާ ޕްލެޓްފޯމްތަކުގެ ޑިޖިޓަލް ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.
”މައި ފެމިލީ އިސް ސޭފް“ ނުވަތަ ”މަގޭ ޢާއިލާ ރައްކާތެރި“ ގެ ނަމުގައި ހިންގި މި އޮޕަރޭޝަނަކީ ޢާންމު އަޚްލާޤީ މިންގަނޑުތައް ހިމާޔަތްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ. މިއީ ތުރުކީގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދާތީ، އެކަމަށް ޙައްލެއް ހޯދުމަށް ރައީސް ތައްޔިބު އުރުދުޣާން ފައްޓާފައިވާ ”ޢާއިލާއާއި އާބާދީގެ ދިހަ އަހަރު“ ގެ ސިޔާސަތާ ގުޅިފައިވާ ކަމެކެވެ.
އިސްތަންބޫލްގެ ޗީފް ޕްރޮސެކިއުޓަރ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި، ފުލުހުން ވަނީ 12 ޕްރޮވިންސެއްގައި އޮޕަރޭޝަންތައް ހިންގާފައެވެ. 6 ޖަމާޢަތެއްގެ އޮފީސްތައް ބަލައިފާސްކުރިއިރު، ޑިޖިޓަލް އާލާތްތަކާއި، ވަގަށް އެތެރެކޮށްފައިވާ ބަނގުރަލާއި، މަސްތުވާތަކެތީގެ އިތުރުން ހަތިޔާރެއް ފެނިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޕްރޮސެކިއުޓަރުން ބުނެފައިވަނީ، ޖިންސީ ތަފާތުކުރުންތަކާ ގުޅޭގޮތުން ކުޑަކުދިންނާއި ޒުވާނުންގެ ސިކުނޑިތަކަށް ނުރަނގަޅު ނުފޫޒު ފޯރުވަމުންދާކަމުގެ ހެކި ތަޙުޤީޤަށް ފެނިފައިވާ ކަމަށެވެ. ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ބުނި ގޮތުގައި، 15 ޕްރޮވިންސެއްގައި 162 މީހަކާއި، 9 މަދަނީ ޖަމާޢަތަކާއި 13 ވިޔަފާރިއަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
ސަރުކާރުން 26 މީހުން ހައްޔަރުކުރިކަމަށް ބުނި ނަމަވެސް، އަންކާރާގައި ޤާއިމުވެފައިވާ ކާއޯސް ޖީއެލް ޖަމާޢަތުން ބުނާގޮތުގައި މަދުވެގެން 50 އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ސީދާ ގޭގެއަށް ވަދެ ފުލުހުން ހައްޔަރުކުރި 10 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. ރެއިޑްތަކުގެ އިތުރުން، ތުރުކީ ސަރުކާރުން ވަނީ އިންޓަނެޓުގައިވެސް ފިޔަވަޅުތަކެއް އަޅާފައެވެ. ލާދީނީ ފިކުރު ފެތުރުން ހުއްޓުވުމަށް ކޯޓު ޢަމުރުތައް ނެރެ، ލަމްބްޑާ-އިސްތަންބޫލް އަދި ކާއޯސް ޖީއެލް ފަދަ އެލްޖީބީޓީ ޕްރޮމޯޓުކުރާ ޖަމާޢަތްތަކާ ގުޅުންހުރި އެތައް ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކެއް ވަނީ ބްލޮކްކޮށްފައެވެ.














