އިމާމުވެ ނަމާދުކުރާއިރު އަބަދުވެސް އިސްކަންދޭންޖެހޭނީ ޖަމާއަތުގެ މަސްލަހަތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، މުޖުތަމައުގައި އުޅޭއިރު ޒުވާން ހަތީބުންނަކީ ނަމޫނާ ބަޔަކަށްވުމަށް ގޮވާލައްވައި، އިސްލާމްދީނުގެ ކަންކަމުގައި އަމަލުތައް ބައްޓަންކުރަންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ދެއްވައިފައެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމީ އުއްމަތުގެ ފަހުރުވެރި ބައެއްގެ ގޮތުގައި ދިވެހިން ވޭތުވެދިޔަ 9 ގަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިއާރު ފާޅުކުރުމުގައި ދެމިތިބުމުން ކަމަށެވެ.
ކަން މިހެން އޮތުމުން ޒުވާން ހަތީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ޒުވާން ހަތީބުން މިހާރު ހާސިލްކޮށްފައިވާ ސަނަދަކީ ފެށުމެއް ކަމުގައި ބަލައި، އިލްމު އުނގެނުމުގައި އިތުރަށް ކުރިއަށް ދިއުމަށް ބާރުއެޅުއްވިއެވެ. އަދި މިހާރު ނުކުންނަ ޒުވާން ޖީލަކީ މިހާރުގެ ޖީލަށްވުރެ ހުރިހާ ގޮތަކުން ވެސް ހަރުދަނާ ޖީލަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
”މިއަދު ފެންނަ ޒުވާން ހަތީބުން ދެތިން އަހަރު ފަހުން ބޮޑެތި މީހުންނަށް ވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މިސްކިތްތަކުގައި ހުތުބާ ކިޔުއްވާ ބޭފުޅުންނަށްވުރެ ތިޔަ ކުދިންގެ މުސްތަގުބަލު މާ އުޖާލާ. ސަބަބަކީ ނިޒާމީ ތައުލީމުގެ ތެރެއިން ޒަމާނީ ތައުލީމާއި އިސްލާމީ އިލްމު ލިބި، ގުރުއާން ރީތިކޮށް ތަޖުވީދުމަގުން ކިޔަވަން ދަސްކޮށްގެން މިއަދު ތިޔަ ނުކުންނަނީ. އެހެންވީމާ ކުރީގެ ޖީލަށްވުރެ ތިޔަ ކުދިން ހުރިހާ ގޮތަކުން ވެސް ހަރުދަނާވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ދީނީ ކަންކަމުގައި ފަތުވާއާއި ރައުޔު ދިނުމުގެ ކުރިން ފުންކޮށް އިލްމު އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އަދި މީސްމީޑިއާގެ އެކި ވަސީލަތްތަކުންނާއި މުޖުތަމައުގެ ތެރެއިން ފެންނަ ހަރުކަށި ފިކުރުތަކުން އެއްކިބާވެ، ދީނީ އިލްމުވެރިންނަށް ފުރިހަމައަށް އިހްތިރާމުކުރުމުގެ އަދަބު ހިފެހެއްޓުމަށް ވެސް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ކޮންމެ މުސްލިމަކީވެސް އިމާމުވެ ނަމާދުކުރުމުގެ ގާބިލުކަން ހުންނަންޖެހޭ މީހެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިމާމުވެ ނަމާދުކުރާއިރު ޖަމާއަތުގެ މަސްލަހަތު އިސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ޤުރުއާން ކިތަންމެ ރީތިކޮށް ކިޔަވަން އެނގުނު ކަމުގައިވިޔަސް، ޖަމާއަތް ބޮޑުވާ ވަރަކަށް ނަމާދު ކުރުކޮށްލުމަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތް ކަމަށް ވިދާޅުވިއެވެ. އަދި ރަށެއްގެ މީހުން ނަމާދުކުރުމުގައި ގެންގުޅޭ އާދައަކީ ދީނުގެ އަސްލަކާ ނުވަތަ ސައްހަ ސުންނަތަކާ ފުށުނާރާ ކަމެއްނަމަ، އެ ރަށެއްގެ ޖަމާއަތުގެ ހަމަޖެހުމަށްޓަކައި އެގޮތަށް ރިއާޔަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރިހާ ކަމެއްގައި ވެސް ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ ޝިއާރުތައް ދިރުވައި އާލާކުރުމުގެ ގައުމީ މަސައްކަތުގައި އެންމެހައި ފަރާތްތަކުން އަތުގުޅާލައިގެން މަސައްކަތްކުރުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.













