ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން ދިވެހިރާއްޖެއަށް ގޮންޖެހުން ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީން ކަމަށް އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 900 އަހަރު ރާއްޖެ އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތުމުގެ އެންމެ ބޮޑު ސަބަބަކީ މާތްﷲ ގެ ފަޟުލުވަންތަކަން ކަމަށެވެ. އަދި ދުނިޔެވީ ސަބަބުތަކަށް ބަލާއިރު، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮތް ލޯތްބާއި ދިވެހި ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތައް މުހިންމު ދައުރެއް އަދާކުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާއިން ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ހާއްސަ ގާނޫނެއް އެކުލަވާލައި، ވަކި އިދާރާއެއްގެ ގޮތުގައި ”މޯލްޑިވްސް ޒަކާތު ހައުސް“ ގާއިމުކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވެފައިވާއިރު، 6 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ހާއްސަ ސްކޮލަރޝިޕް އަލުން ދޭން ފަށައި، އިސްލާމީ މާލީ އަދި އިލްމީ ދާއިރާތަކުން ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑެތި ވަގްފު މަޝްރޫއުތައް މިހާރު ފެށިފައިވާކަން ހާމަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދާރުއްސަލާމް، ދާރުލްއަރުގަމްގެ އިތުރުން ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހާފިޒުން އުފެދިފައިވަނީ މި ދުވަސްވަރު ކަމަށެވެ. އެގޮތުން މިހާރު 322 ހާފިޒުން ތިބިއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި އަދަދު 500 އަށް އެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްދެއްވާފައިވާ ކަމަށާއި، މިހާރު ވެސް 30 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކޮށް، އިތުރު 58 ތަނެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ، ރާއްޖޭގެ ތާރީހުގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މާދަމާ އެޅިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މަޝްވަރާކުރެއްވުމަށްފަހު އެ މިސްކިތަށް ނަންދެވިފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުން ކަމަށް ހާމަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ހުރިހާ ދިވެހިންނަކީ އެއްބައިވަންތަ، އަހުވަންތަ ބަޔަކަށްވުމަށް އިލްތިމާސްކުރެއްވިއެވެ.













