ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހިންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މާޒީގައި ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހިން ވޭތުކުރީ ދިވެހި ގައުމިއްޔަތުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީން ކަމުގައި ދެކިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި… pic.twitter.com/pvfzHIAFWe
— Dr Mohamed Muizzu (@MMuizzu) September 12, 2026
މީގެއިތުރުން، ދިވެހިންގެ އުޅުމާއި އާދަކާދަތަކާއި އެންމެހައި މުއާމަލާތުތަކުގައި ވެސް ހިފަހައްޓާފައިވަނީ އިސްލާމީ ސަގާފަތާއި އުސޫލުތަކުގައި ކަމަށާއި، އިސްލާމްދީނާއި މި ގައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ދިވެހިން ތެދުވީ މާތްﷲ ގެ މަގުގައި ޖިހާދުކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ހިޖުރީގޮތުން ވޭތުވި މި ނުވަ ގަރުނު ދިވެހިން ހާސިލުކުރި ކޮންމެ ނަސްރަކާއި، ކޮންމެ ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި މި މަތިވެރި ދީނަކީ މި ގައުމުގެ އިއްޔެއާއި، މިއަދާއި، އަދި މާދަމާގެ ވެސް ހަގީގީ ސަލާމަތް ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ބަރަކާތްތެރި މުނާސަބާގެ ހެޔޮއެދުމާއި ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ވަނީ މުސްލިމުންގެ ގޮތުގައި ދިވެހިން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަތަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވައިފައެވެ.












