ރާއްޖެއިން ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ދެފުށް ފެންނަ ހަރުދަނާ އުސޫލެއް ހަމަޖައްސައި، ކާޑު ލިމިޓް ރީސެޓްވާ ގަޑިތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން ރުފިޔާ ކާޑުތަކުގެ ލިމިޓު ކޮންމެ ދުވަހަކު ވެސް ރީސެޓްވާނީ ހެނދުނު 07:00 ގައެވެ. މީގެކުރިން ދުވާލަކަށް ކަނޑައެޅޭ ވަކި ބަޖެޓެއް އޮތް ނަމަވެސް، އެ ބަޖެޓުގެ ތަފުސީލާއި ރީސެޓްވާ ގަޑި އޮންނަނީ ހާމަނުކޮށެވެ. ނަމަވެސް އަލަށް އެކުލަވާލި އުސޫލާއެކު، އެދުވަހަކަށް ކަނޑައެޅިފައިވާ ލިމިޓް ހަމަވި ނަމަވެސް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 07:00 ގެ ފަހުން މުއާމަލާތް ފުރިހަމަ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓަކާ ގުޅިފައިވާ ޑޮލަރު ކާޑެއް ބޭނުންކޮށްގެން ވެސް ކޮންމެ ވަގުތެއްގައި ވިޔަފާރި ކުރެވޭނެއެވެ.
Measures to ensure sustainable and transparent limits for MVR card transactions on international e-commerce platforms
View more:https://t.co/zY62UVpbb6 pic.twitter.com/QpuUVhkHLZ
— Bank of Maldives (@bankofmaldives) September 12, 2026
މި ބަދަލުތައް ގެންނަން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ބީއެމްއެލްއިން ބުނެފައިވަނީ، ބޭރު ފައިސާއަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެ، ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. އެގޮތުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފަދަ ޒަރޫރީ ހިދުމަތްތައް ދިނުމުގައި ލަސްތަކެއް ކުރިމަތިވެ ކަސްޓަމަރުންގެ ޝަކުވާ އިތުރުވަމުންދާތީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭރު ފައިސާ މެނޭޖްކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމީ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ 40،000 އަށްވުރެ ގިނަ އީކޮމާސް ޕްލެޓްފޯމުން މުދަލާއި ހިދުމަތް ހޯދާއިރު، ދުވާލެއްގެ މައްޗަށް މިފަދަ މުއާމަލާތްތަކުގެ އަދަދު އެވްރެޖްކޮށް 20،000 އަށްވުރެ މައްޗަށް އަރައެވެ. މިގޮތުން ބޭންކަށް ލިބޭ ޑޮލަރު އާމްދަނީއަށްވުރެ ބޭރުވާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އުސޫލުގެ ދަށުން އީކޮމާސް ވެބްސައިޓުތަކަށް މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރު ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި އަދަދު ވަނީ މައިގަނޑު ފަސް ގިންތިއަކަށް ބަހާލައިފައެވެ.
އެ ގިންތިތަކަކީ:
- އެންމެ ގިނައިން ވިޔަފާރިކުރާ 150 އީ-ކޮމާސް ޕްލެޓްފޯމް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ޕްލެޓްފޯމްތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
- މީސް މީޑިއާގެ މަންސަތައް: މެޓަ (ފޭސްބުކް/އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).
- ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). މީގެއިތުރުން، އެހެން މީހުންނަށް ޓިކެޓް ނަގައިދިނުން ކޮންޓްރޯލްކޮށް އަމިއްލަ ދަތުރުތަކަށް ފުރުސަތު ދިނުމުގެ ގޮތުން، ކޮންމެ ކަސްޓަމަރަކަށް 3 މަސްދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ.
- ޒަރޫރީ ސަބްސްކްރިޕްޝަންތައް: ކަސްޓަމަރުންގެ އާންމު ދިރިއުޅުމާ ގުޅޭ ޚިދުމަތްތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
- އެހެނިހެން ހުރިހާ ވިޔަފާރިތައް: މަތީގެ ގިންތިތަކުގައި ނުހިމެނޭ އެހެން އީކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު).
ބޭންކުން ފާހަގަކުރި ގޮތުގައި، މިގޮތަށް ލިމިޓްތައް ކަނޑައެޅި ނަމަވެސް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ކުރާ މުއާމަލާތްތަކަށް ވަކި ގިންތިއެއްގެ ލިމިޓެއް ކަނޑައަޅައިފައެއް ނުވެއެވެ. އަދި އެފަދަ ޒަރޫރީ މުއާމަލާތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އިތުރު މިންވަރެއް ބޭންކުން ދަމަހައްޓާނެއެވެ. މި ލިމިޓްތަކަކީ ބޭންކުގައި ބޭރު ފައިސާ ހުންނަ މިންވަރަށާއި ކަސްޓަމަރުންގެ މުއާމަލާތްތަކަށް ބަލައި ކުރިމަގުގައި މުރާޖައާ ކުރަމުންދާނެ އަދަދުތަކެއް ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.














