ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަމުގެ މަގާމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަދި ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފް ހޮވިވަޑައިގެންފިއެވެ.
މި ދެ ބޭފުޅުން މި މަގާމުތަކަށް ހޮވިވަޑައިގެންނެވީ އިތުރު އެހެން ކެންޑިޑޭޓަކު މި މަގާމުތަކަށް ކުރިމަތިލައްވާފައި ނުވާތީ، ވޯޓަކާ ނުލައި އޮޓޮމެޓިކުންނެވެ. ޕީއެންސީގެ މަތީ މަޖިލިސްގެ އިންތިހާބު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަގާމުތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އެ ޕާޓީން މިހާރު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓުން ދައްކާ ގޮތުގައި ހީނާ އާއި އަބާންގެ އިތުރުން، އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އެހެނިހެން އިސް މަގަމުތައް ވެސް ވަނީ އެ މަގާމުތަކަށް އެހެން ބޭފުޅަކު ވާދަނުކުރައްވާތީ ވޯޓަކާ ނުލައި ކަށަވަރުވެފައެވެ.
އެގޮތުން ވޯޓަކާ ނުލައި ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ:
އަންހެނުންގެ ހަރަކާތް:
- ރައީސް: ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
- ނައިބު ރައީސް: މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް
- ސެކްރެޓަރީ: އާމިނަތު ނަސީޙާ
- ހަޒާންދާރު: އާމިނަތު ޝިޒްލީން
ޒުވާނުންގެ ހަރަކާތް:
- ރައީސް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފް
- ނައިބު ރައީސް: ޙަސަން ޝަހީދު
- ސެކްރެޓަރީ: އިސްމާޢީލް ޢަޒްމީ
- ހަޒާންދާރު: މުޙައްމަދު ރިފާޢު
ދެ ގޮފީގެ އިސް މަގާމުތައް ވޯޓަކާ ނުލައި ކަށަވަރުވި ނަމަވެސް، ޕާޓީގެ ނައިބު ރައީސްކަމުގެ ހަ މަގާމަށް އަށް ބޭފުޅަކު ވާދަކުރައްވާތީ އެ މަގާމުތަކަށް ފޯރިގަދަ ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ:
- ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
- ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
- ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ
- ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
- މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް
- އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މީގެ އިތުރުން، ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް އަންހެނުންނަށް ހާއްސަ 10 ގޮނޑިއަށް 22 ކެންޑިޑޭޓުން، ޒުވާނުންނަށް ހާއްސަ ހަތް ގޮނޑިއަށް 13 ކެންޑިޑޭޓުން، އަދި އާންމު 18 ގޮނޑިއަށް 73 ކެންޑިޑޭޓުން ވާދަކުރާނެއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް މި ކޮންގްރެސްގައި އެ ޕާޓީގެ 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވޯޓުލާނެއެވެ.














