މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
ޝަހީދު ޢަލީ ސްކޫލުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. އަދި ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް، ފަންނީ މަޢުލޫމާތު ހިއްސާކުރުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.
ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 300 ފަރާތަކުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 106 ފަރާތަކުން ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ ކީނޯޓް ސްޕީޗް ދެއްވުމަށް ހަމަޖެހިފައިވަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ސައުތު އޭޝިއާގެ މެނޭޖިންގ ޑިރެކްޓަރ އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު ”ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖިޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން“ މި މަޢުޟޫޢަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާއިރު، ދެވަނަ ދުވަހުގެ ޕެނަލް ޑިސްކަޝަން ޚާއްސަކޮށްފައިވަނީ ”ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިއުސް، ރެލެވަންސް އެންޑް ޑައިވަރސް ޕެތްވޭސް“ މި މަޢުޟޫޢަށެވެ. މީގެއިތުރުން ބައިވެރިންނަށް ޚާއްޞަކޮށްގެން 4 ވޯކްޝޮޕެއް ބޭއްވުމުގެ އިތުރުން، ގއ. މާމެންދޫ ސްކޫލް، މުޙްޔިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ދުވަހުގެ ނިޔަލަށް، ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ރޭގަނޑުގެ ޚާއްޞަ ކެއުމެއް ވެސް އޮންނާނެއެވެ.
”ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ“ މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާން، މިޞްރު، އޮސްޓްރޭލިއާ އަދި އިންޑިއާގެ ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބޭފުޅުންގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި އަދި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް ތަޖުރިބާ ހިއްސާކުރުމެވެ.













