ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ 1 އިން 8 އާ ހަމައަށެވެ. އެ މުއްދަތު ހަމަވުމަށްފަހު ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އާންމުކޮށްފައެވެ.
ޕީއެންސީން ނެރެފައިވާ ކެންޑިޑޭޓުންގެ ލިސްޓުން ދައްކާގޮތުގައި، އެންމެ ގިނަ ބަޔަކު ވާދަކުރަނީ މަތީ މަޖިލީހުގެ އާންމު މެންބަރުންގެ މަޤާމަށެވެ. އެގޮތުން އާންމު މެންބަރުންގެ 18 މަޤާމަށް 73 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މީގެއިތުރުން އަންހެން މެންބަރުން ތަމްސީލްކުރުމަށް ކަނޑައަޅާފައިވާ 10 މަޤާމަށް 22 ކެންޑިޑޭޓުން އަދި ޒުވާނުން ތަމްސީލުކުރާ 7 މަޤާމަށް 13 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕާޓީގެ ނައިބުރައީސްގެ 6 މަޤާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ 3 ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ހިމެނިވަޑައިގަންނަވައެވެ.
މި އިންތިޚާބުގައި 8 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް އެންމެ ކެންޑިޑޭޓެކެވެ. އެއީ އަންހެނުންގެ ހަރަކާތުގެ 4 މަޤާމާއި، ޒުވާނުންގެ ހަރަކާތުގެ 4 މަޤާމެވެ. އެގޮތުން އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އިތުރުން ޗީފް ސްޕޯކްސްޕަރސަންގެ މަޤާމުގައި ހުންނެވި، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ. އެ ހަރަކާތުގެ ނައިބު ރައީސްކަމަށް އާމިނަތު ހުސައިން ޝަރީފް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އާމިނަތު ނާސިހާ އަދި ހަޒާންދާރުގެ މަޤާމަށް އާމިނަތު ޝިޒްލީން ވަނީ ކުރިމަތިލައްވާފައެވެ.
އިޢުލާން – ކޮންގްރެސް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލާފައިވާ މެންބަރުން އިޢުލާންކުރުން#DhiveheengeRaajje #CongressPartyMV #Congress2026 https://t.co/p6FM6UDQ4Q
— PNC Secretariat (@pnc_secretariat) September 10, 2026
ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަޤާމަށް އިބްރާހިމް އަބާން ލަތީފް ކުރިމަތިލައްވާފައިވާއިރު، ނައިބު ރައީސްގެ މަޤާމަށް ހަސަން ޝަހީދު، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިސްމާއިލް އަޒްމީ އަދި ހަޒާންދާރުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު ރިފާޢުއެވެ. މި މަޤާމުތަކަށް އިތުރު ބަޔަކު ކުރިމަތި ލައްވާފައި ނުވުމުން މި 8 މަޤާމަށް ކުރިމަތިލެއްވި ފަރާތްތައް މިވަނީ ވޯޓަކަށް ނުގޮސް ހޮވިފައެވެ.
ޕީއެންސީން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކު ނަން އަނބުރާ ގެންދަން ބޭނުންވާނަމަ، މި މަހުގެ 15 ވާ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެ ވަރުގަދަ އެތެރޭގެ އިންތިޚާބުކަމަށް ޕީއެންސީން ބުނެއެވެ.













