ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އޮރެންޖު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މި އިންޒާރު ނެރެފައިވަނީ މިއަދު ހެނދުނު 11:45 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޮރެންޖް އެލަރޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ ނުވަތަ އެންމެ ނުރައްކާތެރި ޙާލަތުގައި ނެރޭ ރަތް އެލަރޓުގެ ކުރިން ނެރޭ ސަމާލެކެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބޯކޮށް ވާރެވެހި އަދި ފެންބޮޑުވުމާ ގުޅިގެން އޮރެންޖް އެލަރޓް ނެރެނީ، 1 ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ޙާލަތްތަކުގައެވެ.
Possible flooding due to torrential rain in the southernmost atolls. pic.twitter.com/fAjZKLZJrl
— Maldives Meteorology (@MetMaldives) September 11, 2026
މެޓް އޮފީހުން އިތުރަށް ބުނީ، ކުރިއަށްއޮތް ދެ ދުވަހުވެސް ޢާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާތީ، ހޯމަ ދުވަހުގެ ފަހުންވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ރައްޔިތުންވެސް މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމަށް ބަލައި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.













