ކ. ތިލަފުށީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫއާ ގުޅުވައިގެން، ވަކި ގައުމަކަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯރޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ އެންމެހައި މަރުހަލާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާއި، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެއިތުރުން، މިއީ ދިވެހިރާއްޖޭގެ ދުރު ރާސްތާގެ އިގުތިސާދީ ކުރިއެރުމަށާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، ވަކި ބޭރު ގައުމަކަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވަނީ، ތިލަފުށީ ވިޔަފާރި ބަނދަރުގެ ފުރިހަމަ މިލްކުވެރިކަމާއި، އޭގެ ހިންގުމުގެ އެންމެހައި ބާރުތައް އަބަދުވެސް ދެމިއޮންނާނީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދެމުން، ގާނޫނާއި ގައުމީ މަސްލަހަތުގެ އިމުން ބޭރުން، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް މާޒީގައި ވެސް އަދި ކުރިމަގުގައި ވެސް އެއްވެސް ބޭރު ފަރާތަކަށް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތިލަފުށީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ ލާބައަށާއި ގައުމުގެ ދިގު މުއްދަތުގެ ފާގަތިކަމަށްޓަކައި ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދެވުނީ ގާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށްވުމުން، ވަކި ބައިވެރިއަކާ މެދު ސަރުކާރުން ދެކޭގޮތް ދައްކުވައިދޭ ކަމެއްގެ ގޮތުގައި އެކަން މާނަކޮށްގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ތަރައްގީގެ ހުރިހާ ބައިވެރިންގެ އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތަކީ، ގައުމުގެ އިސްތިގުލާލާއި ރައްޔިތުންގެ މަންފާއަށް އެންމެ އިސްކަމެއް ދީގެން، ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކުވެސް ހަމަހަމަ އަދި ދެފަރާތަށް ލާބަހުރި ގޮތެއްގައި ގުޅުން ބަދަހިކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.














