މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ އޮފީސް އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިންކޮށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
އެމްއެމްއޭގެ އާ އޮފީސް އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
މިކަމާ ގުޅިގެން އެމްއެމްއޭ އިން ބުނީ، މި މަޝްރޫއަކީ އެ އޮތޯރިޓީގެ ހިދުމަތްތައް ފުޅާވަމުން އައުމާ ގުޅިގެން ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދައުލަތުގެ ރިޒާވާއި ހަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަށާ މުހިންމު މަޝްރޫއެއް ކަމަށެވެ. މީގެއިތުރުން، ބޭންކިންގ ނިޒާމުގެ ތެރެއިން ފައިސާ ގެންގުޅުމާއި ރައްކާތެރިކަމާއެކު އެ މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންވާ އެންމެ ޒަމާނީ ސަލާމަތީ ނިޒާމުތައް ގާއިމުކުރުމަކީ ވެސް މި އިމާރާތް ތަރައްގީކުރުމުގެ އެއް މަގުސަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ހުޅުމާލޭގެ 8،064 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި ޒަމާނީ އިމާރާތުގައި އިދާރީ ހިންގުމަށް ހާއްސަ ޖާގަތަކުގެ އިތުރުން، ފައިސާ ގެންގުޅުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަ އެންމެ ޒަމާނީ ވަސީލަތްތަކާއި، މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ތަމްރީނު ކޮޓަރިތަކާއި ފެންވަރު ރަނގަޅު ކޮންފަރެންސް ހޯލްތައް އަދި މާލީ ދާއިރާގެ އެހެނިހެން މުއައްސަސާތަކަށް ބޭނުންވާ އޮފީސް ޔުނިޓްތައް ހިމެނެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ޖުމްލަ ހަރަދުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ފައިނޭންސް ހަމަޖައްސަންޖެހެނީ މަސައްކަތާ ހަވާލުވާ ކޮންޓްރެކްޓަރެވެ. އަދި ޕްރޮޖެކްޓުގެ ބާކީވާ ބައި ފައިނޭންސް ކުރާނީ އެމްއެމްއޭގެ ފަރާތުންނެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ، ގާބިލު ފަރާތްތަކަށް ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.











