ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ހާއްސަ ހަރަކާތެއްގައި، އެއް ސަރަހައްދެއްގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު ސްނޯކްލިންގ ކުރުމުގެ ގިނިސް ވޯލްޑް ރެކޯޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކޮށްފިއެވެ.
މި ތާރީހީ ކާމިޔާބީ ހާސިލުކޮށްފައިވަނީ ޖުމްލަ 314 މީހުންގެ ބައިވެރިވުމާއެކުގައެވެ. ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަރުތަކުގެ ގުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ނާޒުކު ވެށި ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ސީދާގޮތުން ގުޅިފައިވާ ކަނޑުގެ މުއްސަނދި ދިރުންތައް ރައްކާތެރިކުރުމަށް މުޖުތަމައުގެ އެއްބާރުލުން ހޯދުމާއި، މިފަދަ ގައުމީ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ.
A record-breaking moment 💫
We’ve achieved the Guinness World Records title for the most people snorkelling simultaneously at a single venue, with 314 participants taking part in the record-breaking attempt at Niva Kurumba Maldives!
The attempt was carried out as an awareness… pic.twitter.com/WRkcACqyo2
— Bank of Maldives (@bankofmaldives) September 7, 2026
ގިނިސް ވޯލްޑް ރެކޯޑުން ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަކޮށް، މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ރަސްމީ ސެޓްފިކެޓް މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއަރއެވެ. މި ހަރަކާތް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށާއި ބައިވެރިންނަށް ބީއެމްއެލްއިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރިއަށްގެންދާ ”އީއެންވީ ޕީއޯއެސް“ ޕްރޮގްރާމުގެ ދަށުން އިންތިޒާމުކުރި ހަރަކާތެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ހިންގާ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލްއިން ދަނީ ”ޕާލޭ މޯލްޑިވްސް“ އަދި ”މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް“ (މޯޕާ) ފަދަ ޖަމުއިއްޔާތަކާ ގުޅިގެން، ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި އެއްކޮށް، ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ބޭންކުގެ ދުރު އަމާޒަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ގުދުރަތީ ވެށްޓާއި ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދިނުމެވެ.













