ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ ”ކޭމްޕް ފަންވަރު“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ.
މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދަމުންދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. މީގެއިތުރުން، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ އުކުޅުތައް ދަސްކޮށްދިނުމަށާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް މި ކޭމްޕުގައި ވަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޭމްޕުގައި ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދިޔައެވެ.
މީގެއިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުމާއި، އަމިއްލަ ނަފްސު ދެނެގަނެ، ޒާތީ ގޮތުން ތަރައްޤީވުމަށް ބާރުއަޅާ ކަންކަން ވެސް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނުތަކުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އިސްނަގައިގެން ކަންކަން ކުރުމުގެ ޤާބިލުކަމާއި، ލީޑަރޝިޕް ސިފަތަކުގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ބޭނުންވާނެ އެތައް އަސާސީ ހުނަރުތަކަކަށް އަމަލީ ގޮތުން ދަރިވަރުން ވަނީ އަހުލުވެރިކޮށްފައެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ފުރިހަމަކުރަމުންދަނީ މި ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި ޖުމުލަ 341 ދަރިވަރުން ތަމްރީނު ފުރިހަމަކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
މި ބެޗުގެ ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ރަސްމީކޮށް ދަސްވެނިވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.













