މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ނިޒާމަށް ބަދަލު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އާސަންދަ ހަމަޖެހިފައިވާ އުސޫލުން އެންމެ މުއްސަނދި މީހާއަށާއި އާދައިގެ ނިކަމެތި މީހާއަށްވެސް ޚިދުމަތް ލިބެނީ އެއްވެސް ތަފާތެއް ނެތި ކަމަށެވެ. ނަމަވެސް އެއީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ކަމާގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ މުއްސަނދިންނާއި އާދައިގެ ރައްޔިތުންނަށް އާސަންދަ ލިބުމުގައި ތަފާތުތަކެއް ގެނައުމަށެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި މަހަކު 60،000 ރުފިޔާއިން މަތިން އާމްދަނީ ނުވަތަ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ފަދަ ފުލް ކަވަރޭޖެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”60،000 ރުފިޔާއިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރަން ލިބޭނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބަޖެޓުން އިސްރާފުވަމުންދާ ޚަރަދުތައް ކުޑަކޮށް، އޭގެ ފައިދާ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް އެހެނިހެން ޚިދުމަތްތަކުގެ ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.










