ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމަށް ތައްޔާރުކުރެވުނު އައު ސުލްޙައިގެ ހުށަހެޅުމަކާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނަރ މޮސްކޯ އާއި ކިއޭވްއަށް ދަތުރުކުރަން ފައްޓައިފިއެވެ.
އޯވަލް އޮފީހުގައި ވާހަކަ ދައްކަމުން ރައީސް ޓްރަމްޕް ބުނީ، ސުލްޙައިގެ އެއްބަސްވުމަކަށް އާދެވުމުގެ ”ރަނގަޅު ފުރުޞަތެއް“ އެބައޮތް ކަމަށެވެ. ނަމަވެސް، ވާހަކަތައް ކުރިއަށްނުގޮސް މަޑުޖެހެނީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ދެމެދު އޮތް އަމިއްލަ ނަފްރަތާއި ’ޕާސަނަލިޓީ‘ މައްސަލަތަކުގެ ސަބަބުން ކަމަށް ޓްރަމްޕް ބުންޏެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ މަންދޫބުން ކިއޭވްއަށް އަންނާނެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ރަޝިޔާއިން ދަނީ އައު ޙަމަލާތަކަކަށް ތައްޔާރުވަމުން ކަމަށް ޔޫކްރެއިންއިން އިންޒާރުދެއެވެ.













