ހުސްވި އޮގަސްޓް މަހުގެ ނިޔަލަށް 113 މަސްވެރިއަކަށް ޖުމްލަ 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ދަށުން މި ލޯނުތައް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލައި، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ވެގެންދިޔުމާއެކު، ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.
މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މި ލޯނުތައް ދޫކުރަމުން އަންނަނީ ”ބީއެމްއެލް މަސްވެރިޔާ ޕޯޓަލް“ މެދުވެރިކޮށެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބިނާކޮށް، ބޭންކުގެ ތަފާތު މާލީ ހިދުމަތްތައް ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.
މި ސްކީމުގެ ދަށުން ޝަރުތުހަމަވާ މަސްވެރިންނަށް އެއްވެސް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ބޭނުންނުކޮށް 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ދޫކުރެއެވެ. މީގެއިތުރުން، އާމްދަނީއަށް ބަލައި ކްރެޑިޓް ކާޑުގެ ޚިދުމަތާއި، ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ބޮޑެތި ބޭނުންތަކަށް ހާއްސަ ކްރެޑިޓް ފެސިލިޓީތަކަށް އެދުމުގެ ފުރުސަތު ވެސް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.













