ހުސްވި އޮގަސްޓު މަހުގެ ތެރޭގައި 1،000 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުސްވި އޮގަސްޓު މަހު ޖުމުލަ 1،091 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާއި ވައްކަމާ ގުޅުންހުރި މައްސަލަތަކެވެ.
އޮގަސްޓު މަހު ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު:
- މަސްތުވާތަކެއްޗާ ގުޅުންހުރި 341 މައްސަލަ
- ވައްކަމުގެ 257 މައްސަލަ
- ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ
- އެއްޗެތި ގެއްލިގެން 88 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ
- މާރާމާރީގެ 42 މައްސަލަ
- ޖިންސީ ކުށުގެ 27 މައްސަލަ
- ގެވެށި އަނިޔާގެ 24 މައްސަލަ
- ހިޔާނަތުގެ 17 މައްސަލަ
- ފޯޖް ކުރުމުގެ 11 މައްސަލަ
- ފޭރުމުގެ 9 މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 8،566 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2،351 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2،042 މައްސަލައެެއް ރިޕޯޓުކޮށްފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި 1،844 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ރާއްޖެއަކީ ކުށްމަދު އަމާން ގައުމަކަށް ހެދުމަށް ފުލުހުން އަންނަނީ ވަރަށް މުހިއމްު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ގިނައިން ހުށަހެޅޭ ކުށްތަކުގެ ބާވަތްތަކާ މެދު އާންމުން ހޭލުންތެރިކުރުމާއި، ޓްރެފިކް ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ތަފާތު ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އަންނަނީ ހިންގަމުންނެވެ.












