ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަތަކުގެ ތެރެއިން، މާލޭ ސަރަހައްދުން 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ މި ރެއިޑް އޮޕަރޭޝަނުގައި 426 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އޮޕަޜޭޝަންތައް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ރެއިޑް އޮޕަރޭޝަންތައް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުން ފަދަ ހަރުދަނާ ފިޔަވަޅުތައް ވެސް ސަރުކާރުން އަންނަނީ އަޅަމުންނެވެ.













