ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ފާޑުކިޔުން އަމާޒުކުރަމުންދާ ފަރާތްތަކަށް، ޚާއްޞަކޮށް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަކަށް ހުންނެވި ޔާމީންގެ އަރިސް މުސްތަފާއަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަކީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން، ވަރަށް ފޯރީގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މިހާރުގެ ސިޔާސީ ނިޒާމުގެ ތެރެއިން އެއްވެސް ދިވެހި ރައްޔިތަކަށް އޭނާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި، ޕާޓީއަކަށް ވަނުމާއި ނުވަނުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީން ލިބިދީފައިވާ ޚައްޤެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
PNC އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އެއީ ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން މިއަންނަނީ ވަރަށް ފޯރީގައި ކުރަމުން.މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އޭނާއަށް ނޭގި ސިޔާސީ ޕާޓިއަކަށް ނުވެއްދޭނެ.އަދި ވަނުމާއި ނުވަނު މަކީވެސް އޭނާއަށް ލިބިގެންވާ…
— Ibrahim Shujau (@IbrahimShujaau) September 4, 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ޕާޓީއަށް ވައްދާކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީއަށް ނުވަދެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތައް ގެއްލިފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށް އޭނާ ފާހަގަކުރެއްވއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން، މަޖުބޫރުކުރުވައިގެން ގެންދިޔަ މަންޒަރު ދިވެހިންގެ ލޯކުރިމަތީގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެކަންކަން ކުރުވި ސިޔާސީ ވެރިން މިފަދަ ވާހަކަތައް ދެއްކެވުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، ޕާޓީގެ ދަފްތަރުގައި އެއްވެސް ރައްޔިތަކަށް ނޭނގި ނަން ހިމެނިފައިވާނަމަ އެކަން ލިޔުމުން، އީމެއިލުން، މެސެޖުން އަދި ފޯނު ކޯލުން ރިޕޯޓް ކުރުމަށް ހުޅުވާލީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ހުޅުވާލި މުއްދަތުގައި އެއްވެސް ރައްޔިތަކު ނުޙައްޤުން އެ ޕާޓީގައި ދަފްތަރު ކުރެވިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ”ޙަލާލު މެމްބަރުން ގިނަ“ ސިޔާސީ ޕާޓީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގެ ކަންކަން ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ފުރަތަމަ ސިޔާސީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާން ޖެހޭ ކަމަށެވެ. އަދި ވެރިކަމުގައި އުޅުއްވި ދުވަސްވަރު ވެރިޔާއަށް (”ބޮޑު މީހާ“ އަށް) ނޭނގި އަމިއްލަ ވިޔަފާރި ފަށައި، ޕާޓީގެ ރަސްމީ އޮފީސް ދޫކޮށް ޕާޓީ ހިންގަން އެންމެ ރަނގަޅު ތަނަކީ ގަނޑުވަރު ކަމަށް ދެކި، ޕާޓީގެ އުޞޫލުތައް މުގުރާލައި ޕާޓީ ބަނޑުދަށަށް ލައިގެން އުޅުނު ބޭފުޅުންނަށް ސިޔާސީ ޕާޓީ ހިންގާނެ ގޮތް ނޭނގިދާނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ މުސްތަފާއަށް ވަރުގަދަ ބަހުގެ ހަމަލާއެއް ރައްދުކުރައްވާފައެވެ.
މީގެއިތުރުން، ޕާޓީގެ މަޤާމަކަށް ވެރިޔާ އައްޔަންކޮށްފައި ބެހެއްޓުމުން އެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކޮށް، ”މަމީ ބޮޑުމީހާގެ އެންމެ ސިއްރު އެނގޭ މީހާ“ ކަމަށް ބުނެ، ޕާޓީގެ ހަރަކާތްތަކުގައި ފާޅުގައި ނޫޅުމަށް ވެރިޔާ ނޯޓު ފޮނުވާފައިވާ ކަމަށް ބުނެ ފިލައިގެން އުޅުނު ފަރާތްތަކަށް ޕާޓީ ހިންގުމުގެ އަލިފުބާ ވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ މުސްތަފާއަށް ކުރުދޮށިން ދީފައެވެ.










އަށްޕަތުރޭ ވަގަށް ފޯމްފުރާ ވެއްދި. 60000 މީހުންގެ ފޯމާއި އެކު ވީވަރު ވޯޓެއް ނަގާފިނަމަ 15000 ވޯޓްވެސް ނުލިބޭނެ އިންޝާﷲ ވަރަށް ވަރަށްސާފްޝ