މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ރާއްޖެއިން ފުރަން މަސައްކަތްކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ފިހާރައިގައި ކުރިން މަސައްކަތްކުރި ސްރީލަންކާއަށް ނިސްބަތްވާ، އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 25،000 ރުފިޔާއާއި މޯބައިލް ފޯނެއް ވަގަށް ނެގުމަށްފަހު، ފުރަން ގޮސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާއާ ދެކޮޅަށް ފުލުހުން ވަނީ އެކަށީގެންވާ ވަރުގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި، ހާދިސާގެ ރިޕޯޓުގެ އިތުރުން އޭނާ ފުރަން ގަނެފައިވާ ޓިކެޓް ހިމެނެއެވެ. މީގެއިތުރުން، ވީޑިއޯއިން ފެންނަނީ އޭނާކަން އެ ފިހާރައިގެ އެހެން މުވައްޒަފުން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް އަމުރުގައި ވެއެވެ.
ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ މި ހާދިސާ ހިނގުމުގެ 10 ދުވަސް ކުރިން އެ ވަޒީފާއިން ވަކިވެފައިވާ ކަމަށާއި، ވައްކަން ހިނގި ވަގުތު ހުރީ އެހެން ތަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.













