ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާ މައްސަލަ ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ގަވާއިދުގެ ތެރެއިން އެކަން ލާޒިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކުޅިވަރުގެ ދާއިރާ އިންތިޒާމުކޮށް ބެލެހެއްޓުމުގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދެނެގަތުމަށްޓަކައި އޭސީސީން ވަނީ ހާއްސަ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގާ ގޮތްތަކާއި، އެސޯސިއޭޝަންތަކުގެ ހިންގުމުގެ ނިޒާމު ދިރާސާކޮށްފައިވެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އޭސީސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕްރިވެންޝަން ފާތިމަތު އިބްނާ ވިދާޅުވީ މި ދިރާސާއިން މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދިހަމައެހެންމެ، ދިރާސާ ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ކުޅިވަރުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ދިރާސާގެ މަސައްކަތްތައް ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި ކުޅިވަރުގެ ގާނޫނުތަކަށް ވަރަށް ބޮޑަށް އިސްލާހުތަކެއް ގެނެވި، އާ ގާނޫނެއް ގޮތަށް ހަމަ ފްރޭމްކުރެވިގެން ދިޔައީ. އޭގެ ތެރޭގައި ވަރަށް ގިނަ އާ ކަންތައްތަކެއް ވެސް ތައާރަފްްކުރެވިގެން ގޮސްފި. އެގޮތުން އަޅުގަނޑުމެންގެ ދިރާސާ ރިޕޯޓުގެ ފައިންޑިންގްސްތައް ރިވިއުކޮށްލަންޖެހުނު އަޅުގަނޑުމެން ދޭ ލަފައާއި އޯލަރެޑީ ގާނޫނުން އެޔަށް ހައްލުތަކެއް ހުރިތޯ ނެތްތޯ ބެލާ ރިވިއުކުރުމުގެ ޕްރޮސެސްއެއް ވެސް ކުރިއަށްގެންދަން ޖެހުނު.“ – އިބްނާ ވިދާޅުވިއެވެ.
ގާނޫނުގައި ހުރި ފުށުއެރުންތަކާއި ބާރުތަކާއި މަސްއޫލިއްޔަތުތައް ހައްލުކުރުމުގެ އިތުރުން، ގަވާއިދުތަކަށް މިހާރުން މިހާރަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ސްޕޯޓްސް މިނިސްޓްރީއާއެކު އެކި މަރުހަލާތަކުގައި މަޝްވަރާކޮށް، ހުށަހެޅުންތައް ހުށަހަޅާފައިވާނެ ކަމަށް އިބްނާ ވިދާޅުވިއެވެ. އަދި އެ ހުށަހެޅުންތައް މިނިސްޓްރީން ބަލައިގަނެ، އަލަށް އެކުލަވާލަމުންދާ ގަވާއިދުތަކުގެ ތެރޭގައި އެ ކަންކަން ހިމަނާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާލިއްޔަތު ގަވާއިދާއި އަރުޝީފު ގާނޫނުގެ ދަށުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ކަންކަން ދައުލަތުގެ އިދާރާތަކަށް ލާޒިމުވި ނަމަވެސް، ކުޅިވަރު އެސޯސިއޭޝަންތަކަށް އެ އުސޫލުތައް ލާޒިމުނުވާތީ، އެކަށީގެންވާ ގޮތެއްގައި މާލީ ބަޔާންތަކާއި ލިޔެކިޔުންތައް ބަލަހައްޓަމުން ނުދާކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންކަމުން، މާލިއްޔަތު ގަވާއިދުގައި އެކަން ބަޔާންކޮށްފައި ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިނިސްޓްރީގެ ގަވާއިދުތަކުގެ ތެރެއިން އެ އުސޫލުތަކަށް އަމަލުކުރުން އެސޯސިއޭޝަންތަކަށް ލާޒިމުކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ އޭސީސީއަށް ކަށަވަރުކޮށްދީފައެވެ.













