ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ހައުސިންގ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެ ކޯޕަރޭޝަނުގެ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެފް.ޑީ.ސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ… pic.twitter.com/HwbHBJN5K0
— Hamdhan Shakeel (@HamdhanShakeel) September 2, 2026
މިގޮތުން، އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު އެ ކޯޕަރޭޝަނުން މިހާރު ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ.
ހަމްދާން އިތުރަށް ވިދާޅުވީ، ޓަވަރުތަކުގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތަކަށް އިސްކަންދީގެން، އެ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެފްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުމަށް ހަމަޖެހިފައިވާ ތަނަކަށް ވުމާއެކު، އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.













