އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލަރު ސަމާހު މި މޭރުމުން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ހުށަހެޅުއްވި މައްސަލައަކަށް ވާހަކަދައްކަވަމުންނެވެ. އެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ އިތުރުން މަގުހެދުމުގެ މަސައްކަތްތައް ގޮސްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތު ހޯދުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމާ ގުޅޭ މައްސަލައެކެވެ.
މި މައްސަލައަށް ވާހަކަދައްކަވަމުން ސަމާހު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީގެ އިސް ފަރާތްތަކުން ބޭނުންވި ބަޔަކަށް މާލެ ސަރަހައްދުގެ އެކި ތަންތަނުން ބިންތައް ބަހާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދުގެ ސަރުކާރަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގެ 3 ވަނަ ފިޔަވައްސަށް ބޭނުންވާ އަސާސީ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަމާހު ވިދާޅުވިއެވެ. އަދި މިކަމުގެ ހަގީގަތް ސާފުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވައިގެން ނަމަވެސް މައުލޫމާތު ހޯދުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
”އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދޭކަން ސަރުކާރަކުން ހުރަހެއް ނާޅާނެ. ޔޫޓިލިޓީ ހިދުމަތަކީ އަސާސީ ހިދުމަތެއް. އެހެންވީމާ ހިދުމަތްތައް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ ބާރު ސްޕީޑުގައި ދަނީ ފޯރުކޮށްދެމުން“ – ސަމާހު ވިދާޅުވިއެވެ.
ސަމާހު އިތުރަށް ވިދާޅުވީ، އެޗްޑީސީން ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލާފައި ވަނިކޮށް، އެމްޑީޕީގެ ސަރުކާރުން އެ ޕްލޭނާ ހިލާފަށް ވަކި ބަޔަކަށް، ހާއްސަކޮށް އެ ޕާޓީގެ އެކްޓިވިސްޓުންނަށް ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތްތަކާއި ސްކޫލްތައް ފަދަ ތަންތަން ތަރައްގީކުރާނެ ބިމެއް ވެސް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަދި އެޗްޑީސީން ހަދާފައިވާ މަގުތަކަށް އަރާނޭހެން ގޯތިތައް ދޫކޮށްފައިވުމުގެ ސަބަބުން ސަރުކާރުން އަންނަނީ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސަމާހު ވަނީ ވިދާޅުވެފައެވެ.














