ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ދޭ ހުއްދައެއް ނެތި ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނަގަން އަންގައިފިއެވެ.
މިކަން ހާމަކޮށް ކައުންސިލްތަކަށް ސިޓީ ފޮނުއްވާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ނިމާލެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވިޔަސް އަދި ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ހަރަދުކޮށްގެން ވިޔަސް، މުވައްޒަފުން ވަޒީފާއަށް ނެގުމުގެ ކުރިން އެލްޖީއޭގެ ހާއްސަ ހުއްދައެއް ލިޔުމަކުން ހޯދަން ޖެހޭނެއެވެ.
މި އެންގުމަކީ ހަމައެކަނި ދާއިމީ ވަޒީފާތަކަށް އޮތް ހުރަހެއް ނޫނެވެ. ކައުންސިލްތަކުގައި އަލަށް އުފައްދާ މަގާމުތަކާއި، ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން ކޮންޓްރެކްޓް އުސޫލުންނާއި، ވޭޖް، ކޮންސަލްޓަންސީ އަދި އުޖޫރައެއް ދީގެން ހަމަޖައްސާ ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމާއި، އެފަދަ މަގާމުތަކަށް އިއުލާންކުރުމުގެ ކުރިންވެސް އެލްޖީއޭގެ ހުއްދަ ހޯދުމަކީ ލާޒިމު ކަމެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އިއްޔެއިން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާފައިވާއިރު، އެ ތާރީހުން ފެށިގެން އެލްޖީއޭގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އެއްވެސް ކައުންސިލަކުން ވަޒީފާތަކަށް މީހުން ހަމަނުޖެއްސުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.













