ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހެނދުނު 8:03 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށެވެ. އެ ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް، މި ހާދިސާގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












