ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުގެ މަގާމުން ދާނިޝް މުޙައްމަދު އަމީން އިސްތިއުފާދެއްވައިފިއެވެ.
މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ވަކި ހާއްސަ ސަބަބެއް އެ އިދާރާއިން އަދި ދާނިޝްގެ ފަރާތުން ވެސް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ދާނިޝްއަކީ މި ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓަރު މުޙައްމަދު އަމީންގެ ދަރިކަލުންނެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން މއ.މާންދޫގޭދެކުނުގެ، އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) September 1, 2026
ދާނިޝް ބޯޑުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެސްޓީއޯ އިން ވަނީ، އޭނާ އެ ކުންފުންޏަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށާއި، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށް މީސްމީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
މީގެ އިތުރުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ހުސްވެފައިވާ މަގާމަށް އާ މެންބަރަކު އައްޔަނުކުރުމުގެ މަސައްކަތް، ކުންފުނީގެ ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާއި ކަމާބެހޭ ގާނޫނީ އިމުގެ ތެރެއިން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.













