ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރެކޯޑްކުރި މައްސަލައިގައި އެ ކުއްޖާގެ މަންމަގެ ބައިވެރިވުމެއް އޮތްތޯ ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުސްވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ކުއްޖާގެ މަންމަގެ ބައިވެރިވުމެއް އޮތްތޯ ބެލުމާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މި އަމަލުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯއާއި، ބައިވެރިވުން އޮތް ނަމަ އެއީ ކިހާ މިންވަރަކަށްތޯ ތަހުގީގުގެ ތެރެއިން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އަނިޔާ ލިބުނު ތިން އަހަރުގެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ހިމެނޭހެން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކުއްޖާގެ ހިމާޔަތަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.













