Tuesday, 1 September 2026

Ads by

ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. މާތް ﷲ ގެ ނަބިއްޔާއަށް ޞަލަވާތް ހުއްޓެވެ.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ތުއްތު ދަރިއަކު އަޅުގަނޑުމެންނާ ވަކިވެ ދިއުމަކީ ދުނިޔެމަތީގައި ކުރިމަތިވާނޭ އެންމެ ބޮޑު އެއް ހިތްދަތިކަމެވެ. އެއީ މަންމައަކާއި ބައްޕައެއްގެ ހިތުގެ އެންމެ ފުންމިނަށް ބުނަންވެސް ނޭނގޭ ފަދަ އަސަރުކުރުވާނެ ބޮޑުވެގެންވާ މުޞީބާތެކެވެ. އެ ކުއްޖާ އެ މައުޞޫމު ޙާލުގައި ވަނިކޮށް، ތިމާގެ ލޮލުގެ ކޮއި ފަދަ ލޯބިވާ ދަރިފުޅާ ވަކިވާންޖެހުމުގެ ވޭނާ އެއްފަދަވާނެ އެހެން އެއްވެސް ދުނިޔެވީ ވޭނެއް ނުވެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި، މުސްލިމް މަންމައަކާއި ބައްޕައަކަށް އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވާ ހިނދު، އެ ޒަޚަމްތަކުގައި ފިރުމައިދީ، އެ ބޮޑު ވޭނަށް ތަސައްލީއެއް ގެނެސްދެނީ އިލާހީ މަންހަޖުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ މަތިވެރި އިސްލާމީ ޢަޤީދާގެ އެއް އަޞްލަކީ މާތް ﷲގެ ޤަޟާޤަދަރަށް އީމާންވުމެވެ. މާތް ﷲ ގެ ނިޔާފުޅަށް ރުހިޤަބޫލުވުމެވެ. ފުރިހަމައަށް ވަކީލު ކުރުމެވެ. ކޮންމެ ފުރާނައެއް ވެސް މަރުގެ ރަހަ ދެކޭނެކަމަށް އިޤްރާރުވުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ”كُلُّ نَفْسٍ ذَائِقَةُ الْمَوْتِ“ (އާލަޢިމްރާން ސޫރަތް: 185)

މާނައީ: ”ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ އެއްޗެކެވެ“.

މާތް ﷲ ގެ ޙިކްމަތްފުޅު އަޅުގަނޑުމެންނަށް ވަންހަނާވެގެން ވީނަމަވެސް، އެކަލާނގެ ޢަދުލުވެރިކަމަކީ އެއްވެސް އުނިކަމެއް ނެތް ފުރިހަމަވެގެންވާ އެއްޗެއްކަން އަޅުގަނޑުމެންގެ ހިތުގެ އެންމެ އަޑިން ޤަބޫލުކުރަމެވެ. ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީ، އޭގެ ބަދަލުގައި މާ ހެޔޮ ގޮތްތަކެއް މާތް ﷲ ހިންމަވައިދެއްވާނެ ކަންކަން ކަމުގައި އަޅުގަނޑުމެން ހިތުން ރުހި ޤަބޫލު ކުރަންޖެހެއެވެ. އަދި ޢަމަލުން އޭގެ ޙަޤީޤަތް ފާޅުކުރަން ވެސް ޖެހެއެވެ. ދަންނަން ޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންނާ ވަކިވެގެން ދާ، އަޅުގަނޑުމެން އެބައެއް ދެކެ ނުހަނު ލޯބިވާ ކޮންމެ ފަރާތެކޭ އެއްފަދައިން، ޚުދު އަޅުގަނޑުމެން ވެސް ވަގުތު އައިސް ޖެހުމާއެކު މާތް ﷲ ގެ ޙަޟްރަތަށް އެނބުރި ދާންޖެހޭނެ ކަމެވެ. އަދި ޔަޤީންވާ ކަމަކީ، އަޅުގަނޑުމެންނާ ވަކިވެދިޔަ އެފަރާތްތަކާ އަލުން ބައްދަލުވާނެކަމެވެ. އަދި މިދުނިޔެ މަތީގައި ވަކިވާ ވަކިވުމަކީ ވަގުތީ ވަކިވުމެއް ކަމެވެ.

ދުނިޔޭގެ ޙަޔާތުގައި މެދުވެރިވާ މިފަދަ ޙާލަތްތަކުގައި ކެތްތެރިވުމުން ލިބޭ ދަރުމައަކީ އިންސާނަކަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަގުނަ އެއްޗެކެވެ. އަދި ލޮލުން ކަރުނައަޅައި ހިތަށް މޮޅިވެރިކަން ލިބޭހިނދުވެސް، ﷲގެ ޙަޟްރަތުން ކެތްތެރިކަމާއި ދަރުމައަށް އެދުމަކީ މަތިވެރިވެގެންވާ ދަރަޖަތަކަށް މުއުމިނު އަޅާ ވާޞިލުވާން ލިބޭ ފަހި ފުރުޞަތެކެވެ. އެކަމަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ”إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ“ (ޒުމަރު ސޫރަތް: 10).

މާނައީ: ”ހަމަކަށަވަރުން ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށީ، އެއްވެސް މިންކުރުމެއް ނެތިއެވެ“.

މީގެ އިތުރުން، މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދަރިކަލުން، އިބްރާހީމް ނިޔާވި ހިނދު، އެކަލޭގެފާނުގެ މާތް ޠާހިރު ލޯފުޅުން ކަރުނަފޮދު އޮހިގެން ދިޔަ ވަގުތު ޙަދީޘްކުރެއްވިއެވެ: ”إن العين تدمع والقلب يحزن ولا نقول إلا ما يرضي ربنا وإنا بفراقك يا إبراهيم لمحزونون“

މާނައީ: ”ހަމަކަށަވަރުން ލޮލުން ކަރުނައޮހެއެވެ. އަދި ހިތަށް މޮޅިވެރިކަން ލިބެއެވެ. އެހެނަސް އަހުރެމެންގެ ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ބަހެއް މެނުވީ ނުބުނާހުށީމެވެ. އޭ އިބްރާހީމެވެ. ހަމަކަށަވަރުން (ދަރިފުޅުގެ) ވަކިވެދިއުމާ ހެދި އަހުރެމެން ހާދަހާ ހިތާމަކުރަމެވެ“. (ބުޚާރީ)

ކަންއެހެން އޮތް ނަމަވެސް، އެކުދިންގެ މައިންބަފައިންގެ ހިތްތަކަށް އެންމެ ބޮޑު ތަސައްލީއެއް ލިބިގެންދާ އަނެއް ކަމަކީ، މާތް ﷲގެ ރަޙްމަތްފުޅުގެ ތަނަވަސްކަމެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”إذا مات ولد العبد قال الله لملائكته قبضتم ولد عبدي؟ فيقولون نعم، فيقول قبضتم ثمرة فؤاده؟ فيقولون نعم، فيقول: ماذا قال عبدي؟ فيقولون: حمدك واسترجع، فيقول الله: ابنوا لعبدي بيتا في الجنة وسموه بيت الحمد“

މާނައީ: ”އަޅާގެ ދަރިފުޅު ނިޔާވުމުން، މަލާއިކަތުންނަށް މާތް ﷲ ވަޙީކުރައްވައެވެ. ’ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅާގެ ދަރިފުޅުގެ ފުރާނަ ހިއްޕެވީ ހެއްޔެވެ؟‘ މަލާއިކަތުން ދަންނަވާނެއެވެ. ’އާދޭހެވެ!‘ ދެން އެކަލާނގެ ވަޙީކުރައްވާނެއެވެ. ’އޭނާގެ ހިތުގެ މޭވާ ތިޔަބައިމީހުން ގެންދިޔައީ ހެއްޔެވެ؟‘ މަލާއިކަތުން ދަންނަވާނެއެވެ. ’އާދޭހެވެ‘. ދެން އެކަލާނގެ ވަޙީކުރައްވާނެއެވެ. ’ތިމަންރަސްކަލާނގެ އަޅާ ބުނީ ކީކޭ ހެއްޔެވެ؟‘ މަލާއިކަތުން ދަންނަވާނެއެވެ. ’އޭނާ އިބަރަސްކަލާނގެއަށް ޙަމްދުކޮށް (إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ) ކިޔެވެ‘. ދެން މާތް ﷲ ވަޙީކުރައްވާނެއެވެ. ’ތިމަންރަސްކަލާނގެ އަޅާއަށް ޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާށެވެ! އަދި އެ ގަނޑުވަރަށް ’ބައިތުލް ޙަމްދު‘ (ޙަމްދުގެ ގަނޑުވަރު) ގެ ނަމުން ނަންދޭށެވެ.“ (އައްތިރްމިޛީ)

މިހިސާބުން އަޅުގަނޑުމެން ހަނދާނަށް ގެންނަންވީ، ތުއްތުއިރު ނިޔާވާ ކުދިންނަކީ އަބަދުގެ އަބަދަށް ގެއްލިގެން ގޮސްފައިވާ ބައެއް ނޫން ކަމެވެ. އެކުދިން ޤިޔާމަތް ދުވަހުން ތިބޭނީ، އެކުދިންގެ މަންމައާއި ބައްޕަގެ ފޭރާމުގައި ހިފަހައްޓާލައިގެންނެވެ. މާތް ﷲގެ އިރާދަފުޅާއެކު އެކުދިން އެކުދިންގެ މަންމައާއި ބައްޕަ ގޮވައިގެން ގޮސް ސުވަރުގެ ވަނުމަށް ތައްޔާރުވެގެންނެވެ. އަދި މާތް ﷲގެ އިރާދަފުޅާއެކު، އެކުދިންނާ އެކު އެ މަންމައާއި ބައްޕަ ، ބައިތުލް ޙަމްދުގައި އުފަލާއެކު އަލުން ދިރިއުޅޭނެއެވެ. އެއީ ކޮންފަދަ އުފާވެރި ކަމެއް ހެއްޔެވެ.

މިފަދަ ނަބަވީ ޚަބަރުތަކަކީ، އީމާންކަމުގެ އަހުލުވެރިންނަށް އޭގެ ސަބަބުން، މުޞީބާތްތަކުގެ އަސަރުތައް ލުއިވެގެން ދާނެ ޚަބަރުތަކެކެވެ. އަދި ނުތަނަވަސް ކަމާއި މާޔޫސްކަމުގެ ތެރެއަށް ޣަރަޤުވެ ދުނިޔެ މަތިން ފޫހިވުމުގެ ބަދަލުގައި، މާތް ﷲގެ ވަޢުދުފުޅަށް ބަރޯސާވެ ކެތްތެރިކަމުން ވާގި ލިބި، އިލާހީ މަތިވެރި އުންމީދާ ދިމާއަށް މުއުމިނު އަޅާ އޭގެ ސަބަބުން އަނބުރާލައެވެ. އެހެނީ، މާތް ﷲގެ ޙަޟްރަތުން ދަރުމައަށް އެދި، އެކަލާނގެ ވަޖުހުފުޅަށް ޓަކައި ކެތްތެރިވެއްޖެ މީހާގެ ޖަޒާއަކީ، ވަކިވުމެއް އަދި މަރުވުމެއް ނުވާ ދާއިމީ ގޮވަތީގައި، އޭނާގެ ދަރިފުޅާއެކު މާތް ﷲ އެމީހަކު ޖަމާކުރެއްވުމެވެ.

އެހެންކަމުން މުއުމިނުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެނީ، މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވަތި ކަމާއި، މުޞީބާތްތަކަކީ ކެތްތެރިކަމާއި އީމާންތެރިކަން އިމްތިޙާނުކުރެވޭ ކަންކަން ކަމެވެ. ނިމުމެއް ނެތް، ނިޢުމަތުގެ ސުވަރުގޭގައި ބަގީޗާތަކުގައި، އޭނާގެ ލޯބިވާ މީހުންނާ އަލުން ބައްދަލުވުމަކީ، އެކަމުގެ ސަބަބުން އެންމެހާ ވޭންތަކާއި ހިތާމައެއް ލުއިކޮށްދޭނެ އެންމެ ބޮޑު ލަނޑުދަނޑިކަން ދެނެގަތުމެވެ.

ރަޢްދު ސޫރަތުގެ 22-24 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ: ”އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އަދައިގެން ކެތްތެރިވެ، ނަމާދު قائم ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް آخرة ގައި އުފާވެރި ގޮވަތި ހުށްޓެވެ. (22) (އެއީ) عَدْنُ އޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ. (23) (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! (24)“

މާތް ﷲ އަޅަމެންނަށް، ދުނިޔޭގައި ކުރިމަތިވާ އެންމެހާ ކަމަކަށް ކެތްތެރިކަން ދެއްވައި، އަޅަމެންގެ ޢާއިލާތަކާ އެކު ޖަންނަތުގައި އުޅުމުގެ ތައުފީޤު ދެއްވާށި! އާމީން.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް