ރާއްޖޭގެ ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫގެ އިތުރުން ބ. ކިހާދޫއެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ޝުޖާޢު އަދި ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ދ. ބަނޑިދޫ މަޝްރޫއު: ދ. ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން، ދިގުމިނުގައި 170 މީޓަރު އަދި ފުޅާމިނުގައި 2 މީޓަރު ހުންނަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހއ. މުރައިދޫ މަޝްރޫއު: ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތެވެ.
ބ. ކިހާދޫ މަޝްރޫއު: ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 17,300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ގޮނޑުދޮށް ބެކްފިލް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހއ. ކެލާ މަޝްރޫއު: ހއ. ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީޒް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވުނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- ބަނދަރު އަދި ނެރު ފުންކުރުން
- 8.56 ހެކްޓަރުގެ ބިން ހިއްކުން
- 266 މީޓަރުގެ އެއްގަމުތޮށި ލުން
- 692 މީޓަރުގެ ހިލަ ރިވެޓްމެންޓް އަދި 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 132 މީޓަރުގެ ގްރޮއިން ޖެހުމާއި ސޭންޑްފިލްޑް ބްރޭކްވޯޓާ ހެދުން
- 180 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުން
- 25 މީޓަރު ދިގު، 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން
- 6 މޫރިންގް ބޮއި، 2 ނެރު ބައްތި، އަދި 45 މަގު ބައްތި ހަރުކުރުމާއެކު ޕޭވްމެންޓް ހެދުން
ރަށްރަށުގެ ލަފާފުރުމުގެ ދަތިތަކާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.












