ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު) އަށް 19 ވަނަ އިސްހާލު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.
މި އިސްލާހުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހާއެކު، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތު ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ކައުންސިލްތަކުގެގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ގައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް ވަނީ މި ބިލުގައި ބަޔާންކޮށްފެއެވެ.
މީގެ އިތުރުން، ގައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ހިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ގާއިމުކޮށް އެ ސެންޓަރުތަކުން ހިދުމަތް ދެވޭނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި މި ގާނޫނަށް ގެނެސްފައިވާ 17 ވަނަ އިސްލާހާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، 19 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.













