ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ބޭރުން، ގަވާއިދާ ޚިލާފަށް ކަޅު ބަޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދިޔަ ބިދޭސީންގެ ނެޓްވޯކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި، އެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަތަރު ރައްޔިތަކާއި އިންޑިއާގެ ދެ ރައްޔިތެކެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ފަރީދުއްދީން، މަސްއޫދު މިއާ، މުހައްމަދު ރާހުލް އަމީން، އަދި މުހައްމަދު މަހަމޫދަރު ހަސަންގެ އިތުރުން އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު އަސަތު ކަލަންދަރު ހުސެއިން އަދި ދުލްކަރްނައި އިމްރާން ހާން އެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހުންނަކީ އާންމުކޮށް ރާއްޖޭގައި ސާފުކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ވެއިޓަރުންގެ ގޮތުގައާއި، އެކައުންޓިން އަދި އިންޖިނިއަރިންގެ ދާއިރާތަކުގެ ވަޒީފާތަކުގައި އުޅޭ ބައެކެވެ. ނަމަވެސް، މި މީހުން ވަޒީފާގެ ބޭރުން ބޮޑެތި އަދަދުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.
އެގޮތުން މި ނެޓްވޯކުގައި ހިމެނޭ މީހުންގެ އެކައުންޓުތައް މެދުވެރިކޮށް މިހާތަނަށް 54.4 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި، 1.6 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފުލުހުންގެ ހޯދުންތަކުން ވަނީ ދެނެގަނެވިފައެވެ.
މި އޮޕަރޭޝަން ހިންގާފައި މިވަނީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ގަވާއިދާ ޚިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށްޓަކައި ޚާއްޞަ ގާނޫނީ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭރު ފައިސާ އަގުބޮޑުކޮށް ވިއްކުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އެ ބިލު ތަސްދީގުވެސް ކުރައްވާފައެވެ.
މި މައްސަލަ އިތުރަށް ފުޅާކޮށް، ފުލުހުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.













