ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަސްދީގުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 7 ބިލެއް ތަސްދީގުކުރެއްވުމަށްޓަކައި، ރައީސްގެ އޮފީހުގައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ތަސްދީގުކުރެއްވި ބިލުތަކަކީ:
- ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު
- ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު
- ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު
- ގާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު
- ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު
- ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ބިލު
ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މިއިން ކޮންމެ ބިލަކީވެސް، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާކުރާނޭ ފަދަ ބިލުތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވުން ފަދަ އިތުރު ލުއިފަސޭހަތައް ލިބިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ މިންވަރުގެ ބޭރުފައިސާ ބޭންކުތަކުން މާރުކުރުމަކުން، ރިޒޯޓުތަކުގެ އޮޕަރޭޝަނަކަށް، އަދި ޑޮލަރުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ދިނުމަކަށްވެސް ހުރަހެއް ނޭޅޭނޭކަން، ދިރާސާތަކާއި ހިސާބުތަކުން ފެންނާން އެބަހުރިކަން ފާހަގަކުރައްވައި، މިއީ ބަހަނާއެއްކަމުގައި ހަދައިގެން، ޑޮލަރުން މުސާރަ ލިބޭ ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޤާނޫނު ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއްބާރުލުން ލިބޭނޭކަން ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޓެކުހާ ގުޅުންހުރި އިޞްލާޙުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފުކުރުމާއެކު ގެނެވުނު ބަދަލުތައްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙުން އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ނަގާ ވިތުހޯލްޑިންގ ޓެކުހަށް އައި ބަދަލާއެކު، އެފަދަ ކުންފުނިތަކާ އެއްހަމައެއްގައި ކޮންޓްރެކްޓްތައް ހޯދުމަށް ވާދަކުރުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ފަހިވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި 4 ވަނަ އިޞްލާޙާއެކު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ގެއްލުނު ތަންފީޒީ ބާރު އަލުން އެ އޮތޯރިޓީއަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ގާނޫނުކަށްވުމަކީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމާއެކު، ދިވެހި މަސްކަނޑުތައް އިތުރަށް ހިމާޔަތްކޮށްދީ، އެކުއަކަލްޗަރ ފުޅާކޮށް، ސްޕޯޓްސް ފިޝިންގ ހާބަރުތަކާއި، ސިނާއަތަށް ބޭނުންވާ ބިނާރު ގާއިމުކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ބިލު ގާނޫނަކަށްވުމާއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބި، ހާއްސަކޮށް މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފަދަ ގާނޫނީ އިސްލާހުތައް ގެނައުމުގެ މަގުސަދަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ތަރައްގީވެފައިވާ ނިޒާމެއްގައި އޮންނާންޖެހޭ ގާނޫނީ ނިޒާމު ބިނާކުރުމާއި، ކުރިން ގާނޫނުތަކުގައި ހުރި ކަންކަން ޒަމާނާއި ހާލާތާ އެއްގޮތަށް ބަދަލުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ނިޒާމަކުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވިގެންދާކަން ފާހަގަކުރައްވައި، ހައްގު ގާއިމުކުރެއްވުމުގައި މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމަށާއި، އަދުލު އިންސާފު ގާއިމުކުރެއްވުމުގައި ވަކި މީހަކަށް ނުބައްލަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ތަސްދީގުކުރެއްވި ބިލުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.












