ދިވެހިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކާއި، މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުތައް
ތަސްދީގުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިން ގާނޫނު އޮތް ގޮތުން ސިނާއީ އަދި އިގްތިސާދީ އެކި ބޭނުންތަކަށް ފަޅުތަކާއި ފަޅުރަށްތައް ދޫކުރުމަށް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް، އަލަށް ގެނެވުނު އިސްލާހުތަކާއެކު އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ފުރުސަތު ހުޅުވި، ބޭރުގެ އަދި އެތެރޭގެ އިންވެސްޓަރުންނަށް ރާއްޖެއަށް އައުމަށް ބޮޑު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލަށް ގެނައި އިސްލާހުތަކުގެ ދަށުން، ސިނާއީ މަސައްކަތްތަކަށާއި އިގްތިސާދީ އަދި މަސްވެރިކަމުގެ ބޭނުންތަކަށް ފަޅުތައް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ވަނީ ސާފުކޮށް ކަނޑައަޅާފައެވެ. މީގެ ސަބަބުން އިކުއިޒިޝަން ފީ އާއި ކުލީގެ ގޮތުގައި ދައުލަތަށް ވަންނަ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް، އެކަން ކުރެވޭނީ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި އަދި އިޖުތިމާއީ އަދި ދައުލަތުގެ މުހިންމު ބޭނުންތަކަށް އެކަންޏެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި ’ސްޕޯޓްސް ފިޝިންގ‘ ނުވަތަ ކުޅިވަރު މަސްވެރިކަމަށް ހާއްސަ ބަނދަރުތައް ތަރައްގީކުރުމަށް މިހާރު މަގުފަހިވެފައިވާ ކަމަށެވެ. އަދި މި އިސްލާހުތަކުގެ މައިގަނޑު އަނެއް މަގުސަދަކީ ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ހަރުދަނާ ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ގާއިމުކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.










