ދިވެހިރާއްޖޭގެ ޓެކުހާގުޅޭ ކުށާއި އަދަބުތައް މުރާޖަޢާކޮށް، ޓެކްސް ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ މަޤްޞަދުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ގެނެވުނު އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ޤަވާޢިދުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފަހިކޮށްދިނުމެވެ. މީގެއިތުރުން، މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތަކުގެ އިޖުރާއަތްތައް ހަރުދަނާކޮށް، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމުގައި އެ އޮތޯރިޓީއަށް ލިބިފައިވާ ޤާނޫނީ ބާރުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އައު އިސްލާހުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ މުއްދަތުގައި ނުދައްކައިފިނަމަ، އެ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ބަންޑާރަނައިބުގެ އޮފީހުގެ ބަދަލުގައި މީރާއަށް ދިނުމެވެ. ހަމައެއާއެކު، ޓެކްސްއާ ގުޅޭ ކުށްތައް ތަފްޞީލުކޮށް ބަޔާންކޮށް، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެވޭ އަދަބުތައް ވަނީ ބޮޑުތަނުން ހަރުކަށިކޮށްފައެވެ.
މި އިސްލާހުގެ ދަށުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ އެ އޮފީހުގެ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، ބިރުދެއްކުމާއި، ރިޝްވަތު ދިނުން ފަދަ ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާއި އެކަމުގައި ބައިވެރިވާ ފަރާތްތައް 200،000 (ދެ ލައްކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެއިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ އުޞޫލުތައް ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނާ އެއްގޮތަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމަކީ ސިއްރު ހިފެހެއްޓުމާ ޚިލާފުވުން ނޫން ކަމުގައި މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ޝަރީޢަތުގެ މަރުޙަލާތަކުގައި ބޭނުންވާ މަޢުލޫމާތު ހާމަކުރުމަށްވެސް މި އިސްލާހު ހުރަހެއް ނާޅައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.











