ހޮރްމޫޒް ކަނޑުއޮޅީގައިވާ އީރާނުގެ ލާރަކް އައިލެންޑަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ އައި.އާރު.ޖީ.ސީ އިން ޖޯޑަންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފިއެވެ.
އީރާނުން ހަމަލާދީފައިވަނީ ޖޯޑަންގެ އަޒްރަޤްގައިވާ މުވައްފަޤު ސަލްތީ އެއާ ބޭސްއަށާއި ކިންގް ޙުސައިން އެއާ ބޭސްއަށެވެ. މިއީ އެމެރިކާއިން ލާރަކް އައިލެންޑްގައި ހުރި އީރާނުގެ މައިން-ލޭއިންގ ރޮކެޓް ލޯންޗަރުތަކަށް ދިން ޙަމަލާގެ ބަދަލުގައި ދިން ޙަމަލާއެކެވެ. ޖޯޑަންގެ އަސްކަރިއްޔާއިން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަން 8 މިސައިލެއް ވައިގެ ތެރެއަށް ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ގިނަ މިސައިލްތައް ޕެޓްރިއޮޓް ސިސްޓމްތަކުން ވަނީ ވައިގެ ތެރެއަށް ވައްޓާލާފައެވެ. އަދި ބޮޑު ގެއްލުމެއް ނުވަތަ މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއް ނެތެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ވަނީ އެމެރިކާގެ ފައިޓަރ ޖެޓްތަކާއި މަރާމާތުކުރާ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާކަމަށް ދަޢުވާކޮށްފައެވެ.












