ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށްގޮސް، މާލެއިން ވިލިމާލެއާ ހަމައަށް ގުޅާލެވުމަކީ ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހި، މުޅި ރާއްޖޭގެ ތަރައްޤީގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ބްރިޖު މަތިން ހިންގަވާލެއްވުމަށްފަހު ޝުޢޫރު ފާޅުކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވަމުން ގެންދަވާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ. އަދި މިއީ ހަމައެކަނި ދައްކާ ވާހަކައަކުން ނުވަތަ ބުނެލާ ބުނުމަކުން ވާނެ ކަމެއް ނޫން ކަމަށާއި، ރައީސް މުޢިއްޒު ގެންދަވަނީ އެކަންކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ސިނަމާލެ ބްރިޖުގެ މަސައްކަތް ޢަމަލީގޮތުން ހިންގެވި ގޮތުންވެސް، އެމަނިކުފާނަށް ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ބޮޑު ދައުރެއް ލިބިވަޑައިގެންފިނަމަ ބޮޑު ތަފާތެއް ފެންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އޮތެވެ.
މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާތީ، ރައީސް މުޢިއްޒު އިސްނަންގަވައިގެން ކަމާގުޅުންހުރި ފަރާތްތަކާއި ކޮންޓްރެކްޓަރުންނާ މަޝްވަރާކުރައްވައި، ހުރި ގޮންޖެހުންތައް ހައްލުކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ބްރިޖުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެ، މިއަދު މާލެއިން ވިލިމާލެއާ ހަމައަށް ސެގްމެންޓްތައް ގުޅި، މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް މި ފެންނަނީ އަމަލުން ރައީސް ދައްކަވާ މަންޒަރު. މިއީ ރައީސް ޑރ. މުއިއްޒު ތިލަމާލެ ބްރިޖުގެ ސައިޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫން،“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ދެ ޤައުމެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން މިފަދަ މަޝްރޫޢުތައް ކުރިއަށްދާއިރު، މަޝްރޫޢުގެ ފައިދާ ލިބިގަންނަ ޤައުމުގެ ސަރުކާރުން އެކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ޢަމަލުން ދައްކަންޖެހޭ ކަމަށެވެ. އަދި ރައީސް މުޢިއްޒު މި ޕްރޮޖެކްޓަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދަވަނީ މި ބްރިޖުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ދިރިއުޅުމަށާއި، ޤައުމުގެ ވިޔަފާރިތަކަށް އަންނާނެ ބޮޑު ހެޔޮ ބަދަލު ދުރާލާ އެނގިވަޑައިގަންނަވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.













