އީރާނުގެ ތާޢީދު އޮންނަ އިރާޤުގެ ހަތިޔާރުއެޅި 5 ޖަމާޢަތަކުން ހުށަހެޅި ޝަރުޠުތަކަކާއެކުވާ ”ފްރީޒް“ ޕްރޮޕޯސަލް، އެމެރިކާ އާއި ޢިރާޤު ސަރުކާރުން ޤަބޫލުނުކޮށް ރަށްދުކޮށްފިއެވރ. މި ޖަމާޢަތްތަކުގެ ތެރޭގައި ކަތާއިބް ހިޒްބުﷲ، ޙަރަކާތު ހިޒްބުﷲ އަލް-ނުޖަބާ އަދި ކަތާއިބް ސައްޔިދު އަލް-ޝުހަދާ ހިމެނެއެވެ.
ޕްރޮޕޯސަލްގައި އެދިފައިވަނީ، ހަނގުރާމަމަތީ ހަރަކާތްތައް ހުއްޓާލުމަށްފަހު، އެ ޖަމާޢަތްތަކުގެ ހަތިޔާރުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ގުދަންތަކެއްގައި ބެހެއްޓުމަށެވެ. މީގެ ބޭނުމަކީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރެއަށް ވަނުމާއި، ހަތިޔާރުތައް ދައުލަތާ ހަވާލުކުރުން ލަސްކުރުމެވެ.
އެމެރިކާއިން ވަނީ މިއީ ހަތިޔާރުތައް ދޫކޮށްލުމުން ސަލާމަތްވެ، އެ ޖަމާޢަތްތަކުގެ އަސްކަރީ ބާރު ދެމެހެއްޓުމަށް ރޭވި ”މަކަރެއް“ ކަމަށް ސިފަކޮށްފައެވެ. ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީގެ ސަރުކާރުން ވަނީ މި ހުށަހެޅުން ބޮލާލާޖަހައި، ހުރިހާ ޖަމާޢަތްތަކަކުންވެސް ދައުލަތުގެ ބާރުގެ ދަށަށް އައިސް ހަތިޔާރު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް އަމަލުކުރުމަށް އަންގާފައެވެ.
އެމެރިކާއިން ދަނީ މި ޖަމާޢަތްތަކުގެ ހަތިޔާރުތައް އަތުލުމަށް ބަޣުދާދަށް އިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވަމުންނެވެ. ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) ގެ ތެރޭގައި ހިމެނޭ މި ޖަމާޢަތްތަކުގެ ލީޑަރުންގެ ދަށުގައި އެތައް ހާސް ހަނގުރާމަވެރިން ތިބިއިރު، އެމީހުން ދަނީ އިރާޤުގެ މަރުކަޒީ ސަރުކާރަށް ބާރުތައް ދޫކޮށްލުމަށް ދެކޮޅުހަދަމުންނެވެ.













